އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާއި ޚިލާފުވާ މީހުންނާއި، ގާނޫނީ ޝަޚުޞުން ޖޫރިމަނާ ކުރާ ޢަދަދު ބޮޑުކޮށް، އެފަދަ މީހުންނާއިމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އާ އުސޫލެއް އާންމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި މި އުސޫލުގައި ބުނާގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Ad
rt

ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. މީގެއިތުރުން ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އެ އުސޫލުގައިވެއެވެ.

އެ އުސޫލްގައި ބުނާގޮތުން ގާނޫނީ ޝަޚުޞެއް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކާއި ޚިލާފުވެއްޖެނަމަ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ގާނޫނީ ޝަޚުޞެއް :

  • އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރުން
  • އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިނަމާކުރުން
  • އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރުން

ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވެއްޖެނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައިވާއިރ، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެ އަދި ނިކުތުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ހުރި ނުވަތަ ޝައްކު ކުރެވޭ މީހެއްގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރާ ފަރާތްތައް ވެސް ބޮޑު އަދަދު ޖޫރިމަނާކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެޗްޕީއޭގެ އާ އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އާ އުސޫލަށް އަމަލު ކުރާނީ ކޯވިޑް-19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށް ފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

މީގެއިތުރުން އެ އުސޫލު ބުނާ ގޮތުން ވަކި އެންގުންތަކާއި ޚިލާފުވާނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ބޭނުންވެއްޖެނަމަ އެންމެ ބޮޑު ޢަދަދުންވެސް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެން ވެއެވެ.

މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްގެންދާނީ ފުލުހުން ކަމަށްވެސް އެޗްޕީއޭގެ އާ އުސޫލުގައި ބުނެފައިވެއެވެ.