ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން "ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020" ގެ ނަމުގައި ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް ލޭޑީ އީގަލްސްއިން ހޯދައިފިއެވެ.
07 ޑިސެމްބަރ 2020 ވީ ހޯމަ ދުވަހުގެ ރޭ މުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލްމެޗު ލޭޑީ އީގަލްސްއިން ކާމިޔާބު ކޮށްފައިވަނީ، ޓީމް ބިޒީ ގާލްސްގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ހއ.އަތޮޅު ކޮމާންޑަރ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ވަހީދު ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވިފައިވާ ފަރާތްތަކަށް ޓޮރޮފީއާއި މެޑަލްއާއި ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޭޑީ އީގަލްސް ޓީމުގެ ޖޯޒީ ނަމްބަރު 12 ފާތިމަތު ލަމްޝާއެވެ. ފައިނަލް މެޗުގައި ލޭޑީ އީގަލްސް ޓީމުން ޖެހި ތިންލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަމްޝާއެވެ.
މުބާރާތުގެ ވަނަތައް:
ޗެމްޕިއަން ޓީމް: ލޭޑީ އީގަލްސް
ރަނަރަޕް ޓީމް: ބިޒީ ގާލްސް
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިން:
ފާތިމަތު ނުހާ - ލޭޑީ އީގަލްސް
ސުވޭބަތު ހަސަން - އިންފިނިޓީ
ޖޫލިއާ މޫސާ - ޓީމް ހިޔަލަ
ފާތިމަތު ލަމްޝާ - ލޭޑީ އީގަލްސްނު
ޒުހަތު ސަމީރު - ބިޒީ ގާލްސް

މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަޤާމުގެ އިތުރުން މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައިވަނީ ލޭޑީ އީގަލްސް ޓީމުގެ ޖޯޒީ ނަމްބަރު 12 ފާތިމަތު ލަމްޝާއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ލޭޑީ އީގަލްސް ޓީމުގެ ކޯޗް މުޙައްމަދު ނަވީންއެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ސަހީމާ އަބްދުއް ސަމަދު ހޮވިފައިވާއިރު، ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ލޭޑީ އީގަލްސްއެވެ.
އަޙްމަދު ނިޔާޒު މޫސާ (ނިޔާ) ގެ އިސްނެގުމުގެ މަތިން 02 ޑިސެމްބަރ 2019 ގައި ފެށި މި އެކަޑަމީގައި މިހާރުވެސް 117 ކުދިން ދަނީ ތަމްރީނު ހޯދަމުންނެވެ. އެ ކުދިންގެ ތެރެއިން 48 އިންސައްތަ އަކީ އަންހެން ކުދިންނެވެ. މި އެކަޑަމީގައި ޖުމްލަ ހަތް ކޯޗުން މަސައްކަތް ކުރަމުންދެއެވެ. އެއީ ފިރިހެން ހަތަރު ކޯޗުންގެ އިތުރުން އަންހެން ތިން ކޯޗުންނެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މިލަންދޫގައިފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ ފަރާތެއް ކަމުގައިވާ ސައުތު ލިންކެވެ.
ހއ.މުރައިދޫ އަށް އުފަން އަޙްމަދު ނިޔާޒު މޫސާ އަކީ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް ގައި ތިލަދުންމަތީގެ އެކި ރަށް ތަކަށް ކޯޗުކަން ކޮށްދީފައިވާ ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި އެކި ރިސޯޓްތަކަށްވެސް ކޯޗު ކަން ކޮށްދެއްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!