މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ.
މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ބައިއެވެ. ފިރިހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ބައި އޮންނާނީ ޑިސެމްބަރު 11 ވާ ހުކުރު ދުވަހުއެވެ.
މި މަސްރޭސް ބޭއްވުމަށް ނިންމުމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބުދުއްސަލާމް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ، މިއީ އެ ކައުންސިލުން މިގޮތަށް ބާއްވާ ފުރަތަމަ މަސް ރޭސް ކަމަށެވެ.
''މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން އިޖުތިމާއީ ރޫހު އަށަގަންނުވައި، އެކުވެރިކަން އާލާކުރުން މީގެ ބޭނުމަކީ، މަސްވެރިންގެ ދުވަހު ހަނިމާދޫ މަސްވެރިންނަށް ޚާއްސަ ކަމެއްވެސް ހިންގުން ވިސްނުމުގައި އެބަހުރި، މިރަށުގައި މަހަށް ފުރާ 4 އޮޑީގެ ކެޔޮޅުންނާއި މަޝްވަރާކޮށްފައި ވަކި ކަމެއް ފައިނަލް ކުރާނީ''
ސަލާމް ވިދާޅުވިއެވެ.
ސަލާމް ވިދާޅުވީ ހަނިމާދޫއަކީ އަބަދުވެސް ލާމިސާލު އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި، މި މަސްރޭހުގެ ސަބަބުން ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމާފައިވާއިރު، މި މަސްރޭހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން މަސްރޭހުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 08 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން ހަނިމާދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިމަސްރޭހުގައި ބައިވެރިވެވޭނީ ހަނިމާދޫގައި މިވަގުތު ދިރިއުޅޭ މީހުންނަށެވެ.
މިމަސްރޭހުގައި ކޮންމެ ޖިންސަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޓީމު ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ބޮޑުމަސް ބާނާ ފަރާތާއި، އެންމެ ގިނަ މަސް ބާނާ ފަރާތް ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫގައި މީގެ ކުރީންވެސް ވަނީ އަމިއްލަ ބައެއް ޖަމްޢިއްޔާތައް އިސްނަގައިގެން ދެ ޖިންސައް މަސްރޭސްތައް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!