ފެނަކައިން، ށ. މާއުނގޫދޫއާއި، ނ. މަނަދޫއާއި އަދި ނ. ފޮއްދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ ތަކުގެ ބިންގާ އަޅައިފިއެވެ.

އެރަށްރަށުގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށްތަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދެވެ.

Ad
rt

މިގޮތުން ށ. މާއުނގޫދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 280 ދުވަހުން ނިންމާ ގޮތަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ނ. މަނަދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 230 ދުވަހުން ނިންމާ ގޮތަށް ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ. އަދި ‏ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ފެނަކަ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުން ނިންމާގޮތަށް ބީޗް ބިލްޑާޒް ޕްރައިވެޓް ލިމިޓެޑްއާއެވެ.

އެ ރަސްމިއްޔާތުތަކުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ސަޢީދު ޖުމްލަކޮށް ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.

ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދު އުތުރަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުގައި ނޮވެމްބަރު11 ވަނަ ދުވަހު ވަނީ ހއ. ދިއްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގެ ބިންގާ ވެސް އަޅުއްވައި ދެއްވާފައެވެ. އަދި އިއްޔެވަނީ ށ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާވެސް އަޅުއްވާ ދެއްވާފަ އެވެ.