ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރެވިދާނެ ގިނައަދަދެއްގެ ތަކެތި ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަނިމާދޫ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުގެ ފަރާތުން 09 ނޮވެމްބަރ 2020 ހޯމަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ފޭސް މާސްކާއި، 300 ސާޖިކަލް ގްލޯވްސްގެ އިތުރުން 10 ލީޓަރުގެ ހޭންޑް ސެނިޓައިޒާއެވެ.

Ad
rt

ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަދިޔާކުރި މިތަކެތި ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއް ސަލާމް އަލީއެވެ. މި ތަކެއްޗާއި ހަނިމާދޫ ސިއްޙީ މަރުކަޒުގަ ފަރާތުން ހަވާލެވެފައިވަނީ ސިއްޙީ މަރުކަޒުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ޒުބައިދާ އިބްރާހީމެވެ.

މިތަކެތި ހަދިޔާ ކުރުމާއިގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް ''ތިލަދުން''އަށް ވިދާޅުވީ ކޯވިޑްގެ މިހާލަތުގައި ސިއްހީމަރުކަޒުން ގެންދަވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އެހެންކަމުން މިވަގުތު ކައުންސިލަށް ވެވެން އޮތް އެހީތެރިކަމެއްވެދިނީ ކަމަށް ސަލާމް ވިދާޅުވިއެވެ.

''ކޯވިޑް ރާއްޖެއިން ފެނުނީއްސުރެވެސް ސިއްހީ މަރުކަޒުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަށްވަމުން، އަބަދުވެސް ގިނަ ޢަދެއްގެ މީހުން ހޯމު ކަރަންޓީނުގައި ތިބޭ ރަށެއްމީ، އަނެއްކޮޅުން ކަރަންޓީނަށް އަންނަ މީހުންގެ ކަންކަން އެމީހުން އެއާޕޯޓަށް ފޭބީއްސުރެ ވަރަށް ކައިރިން ސިއްހީމަރުކަޒުން ދަނީ ބަލަމުން، ފްލައިޓްތައް އަންނަ ތަނަށް އެއާޕޯޓަށްވެސް ދަމުން ވަރުބަލިކަމެއްނެތި މިހާ ގިނަ ދުވަހު ސިއްހީމަރުކަޒުގެ މުވައްޒަފުން ކުރަށްވާ ޚިދުމަތް ފާހަގަކުރަން''

ސަލާމް ވިދާޅުވިއެވެ.

ކޯވިޑް-19 ބަލިން ރަށުގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ހިތްވަރުދީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ފާއިތުވެދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހު ހަނިމާދޫ ކައުންސިލިގެ ފަރާތުން ވަނީ ރަށުގެ ރައްޔިތުންނަށް މާސްކް ބެހުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.

ހަނިމާދޫން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައިހުރި މީހަކާއި، ހަނިމާދޫ ސިޓީ ހޮޓަލުން ފުރަންއުޅުނު ބިދޭސީއެކެވެ. ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި ހަނިމާދޫ މީހާ މިހާރު ބަލިން ރަނގަޅުވެފައިވާއިރު، ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުން ފުރަން އުޅެނިކޮށް ކޯވިޑަށް ޕޮޒިޓިވްވި މީހާ ހުރީ ސިޓީ ހޮޓެލްގައި އައިސޮލޭޝަންގައިކަމަށް މަޢުލޫމާތު ލިބެއެވެ.