ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެ ފެހި ކުރުމުގެ ޕްރޮގްރާމަށް ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފިއެވެ.
މިގޮތުން، ނައިބު ރައީސް ޢަލީ ޝަމީމް ވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒަށް ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރަށްވާފަ އެވެ.
އޭނާ އަތޮޅު ތައުލީމީ މަރުކަޒަށް ހަދިޔާ ކުރި ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރުން އޮތީ މިއަދު ހެނދުނު އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ދިޔަ އެސެންބްލީގެ ތެރެއިންނެވެ.
މިކަމާއިގުޅިގެން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޙުސައިން ޝުޖާޢު ''ތިލަދުން''އަށް ވިދާޅުވީ އެ ސްކޫލް ފެހިކުރުމުގެ ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށާއި، އެކަމުގައި ހެޔޮއެދޭ ކޮންމެ ފަރާތެއްގެ އެހީތެރިކަމަށް ވެސް އެ ސްކޫލުން މަރުޙަބާ ކިޔާނެ ކަމަށެވެ.
''އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމްގެ އަމިއްލަ ހައިސިއްޔަތުން އަންނަނީ މި ސްކޫލް ފެހިކުރުމުގެ ޕްރޮގްރާމްއަށް އެހީތެރިކަން ފޯރުކޮށް ދެމުން، އެއީ ވަރަށް މި ސްކޫލާއި ކައިރިން މަސައްކަތް ކުރަށްވާ ފަރާތެއްކަން ފާހަގަކޮށްލަން''
ޝުޖާޢު ވިދާޅުވިއެވެ.
މިހަރަކާތާއި ގުޅިގެން ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެ ފެހި ކުރުމުގެ ޕްރޮގްރާމްގެ ކޯޑިނޭޓަރު، އެ ސްކޫލްގެ ލީޑިން ޓީޗަރު މުޙައްމަދު ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން އެ ޕްރޮގްރާމް ހިންގަވަމުން އަންނައިރު، އަމާޒަކީ އެ ސްކޫލްގެ ގޯތިތެރޭގައި އޮތް ހަނަފަސްކަން ކެނޑި، ވިނަހައްދާ ރީތިކުރުން ކަމަށެވެ. އަދި ގަސްހައްދައި ސްކޫލް ގޯތިތެރެ ފެހި ކުރުން ކަމަށެވެ. އެ އަމާޒަށް ވާސިލް ވެވެންދެއް އެމަސައްކަތް ކުރަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
''މިމަސައްކަތުގެ ތެރެއިން މިންވަރެއް މިއަދު މިފެނުނީ، ރަމްޒީ ގޮތުން އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް، އޭނާގެ އަމިއްލަ ހައިސިއްޔަތުން ވިނައާއި ފެންފޯއްރުއް އަދި ގަސް ހަދިޔާ ކުރެވިގެން މިދިޔައީ''
މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
އެ ސްކޫލަށް ފެހި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ގަސް ހަދިޔާކުރުމާއި ގުޅިގެން ޢަލީ ޝަމީމް ''ތިލަދުން'' އަށް ވިދާޅުވީ އެ މަސައްކަތުގައި ހުސްވި 2018 ވަނަ އަހަރުން ފެށިގެން އޭނާ ބައިވެރިވެ ވަޑައިގެން އެހީތެރިވަމުންދަނީ އެ ސްކޫލްގެ ގޯތިތެރެ ފެހިކުރުމަށް އޭނާ ވެސް ވަރަށް ބޮޑަށް ބޭނުން ވާތީއާއިވެސް އެކުގައި ކަމަށެވެ.
''ކުރިން ހުންނެވި ޕްރިންސިޕަލް މުޒައްވިއުގެ ދުވަސްވަރު ސްކޫލްގެ މުވައްޒަފުންނާއި ގުޅިގެން 2018 ގައި މި މަސައްކަތް އޮތީ ފަށާފައި، އަޅުގަނޑާއި މަޝްވަރާކުރި އެ ސްކޫލުން އެ ސްކޫލްގެ ހުސްޖާގަތަކުގައި ވިނައާއި ގަސްއިންދާ ފެހިކުރުމަށް އެއްބާރުލުން ހޯދަން، އެމަސައްކަތުގައި އޭރުވެސް އަޅުގަނޑު ބައިވެރިވިން، އަޅުގަނޑުމެން ބާރަށަށް ދަތުރުކޮށް އެއްދުވަސް ހޭދަކޮށްގެން 100 ވަރަކަށް ގޯނި ވިނައާއި ގަސްވެސް ދިއްދޫއަށް ގެނައިން އެފަހަރު، އެދަތުރުގައި ޕްރިންސިޕަލްގެ އިތުރުން އެ ސްކޫލްގެ މުވައްޒަފުން ވެސް ބައިވެރިވި''
ހއ. އަތޮޅު ކައުންސިލްގެ ބާރަށު ދާއިރާ ތަމްސީލް ކުރަށް ވާ ޢަލީ ޝަމީމް ވިދާޅުވިއެވެ.
ޢަލީ ޝަމީމް ވިނަ ހަދިޔާ ކުރަށްވަނީ
ހއ. ބާރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ޢަލީ ޝަމީމް ވިދާޅުވީ އެދަތުރު ދިއްދޫއަށް ގެންގޮސް ހއ. އަތޮޅު ތައުލީމީ މަރުކަޒު ގޯތިތެރޭ އެވިނަތަކާއި ގަސްތައް އިންދީ ރިސޯޓެއްގައި ގަސްއިންދާ ބަލަހެއްޓުމުގައި މަސައްކަތްކުރާ ދިއްދޫއަށް ނިސްބަތްވާ ތަޖުރިބާ ހުރި ބޭފުޅެއްގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. ނަމަވެސް އެފަހަރުގެ އެމަސައްކަތް ކާމިޔާބުވާގޮތް ނުވިކަމަށް އޭނާ ވިދާޅުވިއެވެ.
''މިފަހަރު އެސްކޫލުން ވަނީ ކުރިއަށްވުރެ ބޮޑަށް މިކަމަށް ތައްޔާރުވެ ފަސްގަނޑު ތައްޔާރުކޮށް، ކާނާ އަޅާވެސް އަޅާ ހަދާފައި، ގަސްތަކަށް ފެންދެވޭނެ ގޮތް ހަމަޖައްސައި ތާވަލަކަށް ބަހާލައިގެން ސްކޫލްގެ މިހާރުގެ ޕްރިންސިޕަލާއި، މުވައްޒަފުން ވަރަށް ހީވާގިކަމާއިއެކު ރޭވުންތެރިކަމާއިއެކު ކުރަމުން އަންނަ މަސައްކަތެއްއެއީ، އަދި ޓީޗަރުންނާއި، ޕީޓީއޭ އަދި ބެލެނިވެރިންގެ ވެސް ޝާމިލްވެ ވަރަށް ޖޯޝްގައި ކުރަށްވާ މަސައްކަތެއް އެއީ"
ޢަލީ ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތުގައި އެ ސްކޫލްގެ 100 ވަރަކަށް މުވައްޒަފުން ބައިވެރިވާ ކަމަށާއި، ބާރަށުން ގެނެސް މިފަހަރު އޭނާ ހަދިޔާ ކުރެއްވީ އައު ވައްތަރެއްގެ ފެންފޯއް ރުއްތަކަކާއި، އައު ވައްތަރެއްގެ ވިނަތަކެއް ކަމަށެވެ.
''އަޅުގަނޑު މި މަޤާމުގައި ނެތަސް އަމިއްލަ ގޮތުންވެސް މިހިރީ އެ ސްކޫލްގެ ގްރައުންޑް ފެހިކުރަން ހިންގާ ސިލްސިލާ އެހަރަކާތުގައި ބައިވެރިވެ އެއްބާރުލުން ދޭން''
އޭނާ އިތުރަށް ވިދާޅުވިއެވެ.
ޢަލީ ޝަމީމްގެ އެ މަރުކަޒު ފެހި ކުރުމުގެ ހަރަކާތަށް ގަސް ހަދިޔާ ކުރަށްވާފާވާތީ، ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ އެކަން ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!