1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިސް ދިވެހިންނާ ބައްދަލުކުރީ، ހިތައްވެސް ގެނެވިފައިނުވާ ނާންމާކަމާއި ބިރުވެރިކަން ކުރިމަތި ކުރުވަމުންނެވެ.
މި ލޮބުވެތި ދިވެހި ވަޠަނަށް، ދިވެހި ލެޔަށް ކުލުނެއްނެތް، ''ހިތެއް'' ނެތް އަމިއްލަ އެދުމުން ފޯވެފައި ތިބި ދިވެހިންގެ ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންގެ ނިރުބަވެރިންގެ ޖަމާޢަތަކާއި ގުޅިގެން ދިވެހިރާއްޖެ ހިފައި، މިނިވަންކަމަށް އަރައިގަންނަން ރޭވި ރޭވުމުގެ ދަށުން ރާއްޖޭގެ ވެރިރަށް މާލެ އަރައި ހަނގުރާމަފެށީ އެ ފަތިހުއެވެ.
މުޅިޤައުމަށް ލިބިގެން ދިޔައީ ކުއްލި ސިހުމާއި ހައިރާންކަމާއި ބިރުވެރި ކަމެވެ. ވަޠަންގެ މިނިވަންކަން އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ. ވެރިރަށް މާލޭގެ ޖައްވުގެ ތެރެއިން އިވެމުންދިޔަ ބަޑީގެ ބިރުވެރި އަޑުން ހިތްތައް ދިޔައީ ބިރުންތެޅެމުންނެވެ.
ދުވަސްވަރުގެ ގޮތުން މުވާސަލާތީ ކަންކަން އޮތް ގޮތުން ކުދި ޖަޒީރާ މި ޤައުމުގެ ރަށްތަކަށް މި ހާދިސާގެ ޚަބަރު ފޯރީ ހެނދުނުއެވެ. އެ ޚަބަރާއިއެކު ދެންވާނެ ގޮތެއް، ހަދާނެ ގޮތެއްނެތި ރައްޔިތުން ކަރުނަ އަޅަންފެށިއެވެ. އެޚަބަރާއިއެކު ރަށްރަށުގެ މިސްކިތްތަކަށް ޖަމާވެ، އަތްއުފުލައި ގަދަ ކީރިތިވަންތަ މާތްﷲގެ ހަޟުރަތުގައި ދުޢާކުރަމުން ދިޔައީ ޤައުމާއި، ދީނާއި، އަޚުންނާއި އަދި އުޚުތުންގެ ސަލާމަތަށެވެ.
ޤައުމަށް މިދިމާވި ނުރައްކާތެރި ދަނޑިވަޅުގައި، ދުޝްމަނުންގެ ހަމަލާ ނާކާމިޔާބުކޮށްލައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ޝަޙީދު ޙުސައިން އާދަމަކީ މުޅި ޤައުމު ފަޚުރުވެރިވާ ތިލަދުންމަތީގެ ދަރިއެކެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަޔަކީ، ހދ. ކުޅުދުއްފުށްޓަށް އުފަން ޒުވާން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ.
3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި...
Posted by Thiladhun on Monday, November 2, 2020
ހދ. ކުޅުދުއްފުށީ މާވާގޭ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ބައްޕާފުޅަކީ އެރަށު އާދަމް މުޙައްމަދެވެ. މަންމާފުޅަކީ އެރަށު ޢާއިޝަތު ޙަސަނެވެ. ޝަހީދު ޙުސައިން އާދަމް އުފަންވެވަޑައިގެންފައިވަނީ 1968 ވަނަ އަހަރުއެވެ. އެންމެ ކުޑައިރުން ފެށިގެން މަޑުމައިތިރި އަދި ހިތްވަރު ގަދަކަމަށް ފާހަގަކުރެވުނު ޙުސައިން އާދަމް ތަޢުލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުންނެވެ. އެއީ އުޅުމާއި އަޚްލާޤު ރަނގަޅު ސާދާ މިޒާޖެއްގެވެރި ބޭފުޅެކެވެ.
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ތުއްޕުޅު އިރުއްސުރެ އަބަދުވެސް ސިފައިންގެ ބޭކަލަކަށްވުމަށް މަސައްކަތްކުރެއްވިއެވެ. އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކެޑޭޓް ޙަރަކާތުގައި ވެސް އުޅުއްވިއެވެ.
އެ ބަޠަލު ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެ ތަމުރީނު ފުރިހަމަކުރެއްވުމަށްފަހު، ފުރަތަމަ މަސައްކަތް ކުރެއްވީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 ން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ ޓާސްކްފޯސްގައެވެ. ސިފައިންގެ ޚިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކުރެއްވެވިއެވެ. ޝަހީދުވީއިރު އުމުރުފުޅަކީ 20 އަހަރެވެ.
ރާއްޖޭގެ ފުލުހުންގެ މައި އިދާރާ ''ޝަހީދު ޙުސައިން އާދަމް ބިލްޑިންގް'' އަކީ އެބަޠަލަށް ނިސްބަތްކޮށް ސަރުކާރުން ކުރަށްވާފައިވާ ބިނާއެކެވެ. އަދި އެ ބަޠަލުގެ ޖިހާދުގެ އަގުވަޒަން ކުރުމުގެގޮތުން ސަރުކާރުންވަނީ ޑަބަލް ޕްރޮމޯޝަން ދެއްވައި ކޯޕްރަލަކަށް ޕްރޮމޯޓު ކުރައްވައިފައެވެ. ހަމައެޔާއިއެކު އެ ބަޠަލުގެ މަތިވެރި ޤުރުބާނީއަށްޓަކައި ސަރުކާރުންވަނީ ހުރަވީ ރަންމެޑަލް، ޖިހާދުގެ ރަންމެޑެލް އަދި ނޮވެމްބަރު 3 ގެ މެޑެލް ވެސް އެބަޠަލުގެ ހަނދާނަށް އަރުވާފަ އެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުސް ހިތްމައްޗަށް ގެންނައިރު، ހުސައިން އާދަމް އެދުވަހު ވެވަޑައިގެން ޤުރުބާނީގެ ސަބަބުން ދުޝްމަނުންނަށް ރާއްޖޭގެ ސިފައިންގެ ހިފުމަށް ރާވާފައިވާ ރޭވުން ނާކާމިޔާބު ކޮށްލެއްވިއެވެ. އެދުވަހު ދުޝްމަނުން ރާވާފައިއޮތީ ސިފައިންގެ ހިފުމަށްފަހު، ޤައުމު އަތްދަށަށް ގެނައުމަށެވެ. ނަމަވެސް އަތުގައި އޮތް 60 ވަޒަން ހުސްވެ ޝަޙީދުވަންދެން ހުސައިން އާދަމް ދުޝްމަނުންނާއި ހަމަލާ ބަދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ދުޝްމަނުންގެ ރޭވުން ނާކާމިޔާބުވެ، ސިފައިންގެ ހިފުމުގެ ފުރުޞަތު ގެއްލިގެން ދިޔުމެވެ.
ޝަހީދު ޙުސައިން އާދަމްގެ ނުހަނު ޅައުމުރުގައި ވަޠަންގެ ދިފާއުގައި އައްޑަނައަކަށްވެ ވަޑައިގެން ފުރާނައިންވެވަޑައިގެން މަތިވެރި ޤުރުބާނީއަކީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާން ކުރެވޭނެ ޤުރުބާނީ އެއްނޫނެވެ. އެ ބަޠަލްގެނަމަކީ މިދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއްނޫނެވެ. އެހަށިގަނޑުން ދިވެހި ފަސްގަނޑަށް އޮހޮރިގެންދިޔަ ޤުރުބާނީގެ ލެޔަކީ ހަނދާން ނައްތާލެވޭނެ ލެޔެއް ވެސް ނޫނެވެ.
ދިވެހިން ނަސްރުގެ ދުވަސްގޮތުގައި މިއަދު ފާހަގަ ކުރާ ނޮވެމްބަރު 3 ވަނަ ދުވަހަކީ، އެމަތިވެރި ޝަހީދާއެކު، މިޤައުމަށްޓަކައި ފުރާނަ ޤުރުބާންކުރެއްވި އެހެން ޝަހީދުންގެ ޒިކުރާ އައުކުރެވޭ ދުވަހެވެ.
3 ނޮވެމްބަރ 1988 ދުވަހުރޭ ފަތިހު ބަނޑޭރިގޭގެ ބޭރު ދޮރާށީގައި ހުޅަނގު ފަޅީގެ ޑިއުޓީއަށް ހުންނަވައި، ޤައުމަށްޓަކައި އުމުރުން 20 އަހަރުގައި ޝަހީދު ޙުސައިން އާދަމް ވެވަޑައިގަތް ޤުރުބާނީއަކީ އަދުގެ ޖީލު ފިލާވަޅު ލިބިގަންނާން ޖެހޭ ޤުރުބާނީއެކެވެ.
Re-imagined portrait of Shaheed Hussain Adam, in present-day MNDF uniform. 🇲🇻
Changed his shoulder straps according to...
Posted by Abo Shafyu on Monday, November 2, 2020
މުޅި ތިލަދުންމައްޗާއި، ޤައުމު ފަޚުރުވެރިވާ ޤުރުބާނީއެކެވެ. ދުޢާއަކީ ތިލަދުންމައްޗާއި މުޅި ޤައުމު ފަޚުރުވެރި ކުރުވި އެ ބަޠަލު މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމެވެ. ހަމަ މިނޭވާގައި އެދުވަހު ޤައުމަށްޓަކައި ޝަހީދުވި އެންމެހާ ބަޠަލުންގެ ޒިކުރާ އައުކޮށް، މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި އެބަޠަލުން ލެހެއްޓެވުންއެދި ދުޢާ ކުރަމެވެ. އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!