ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމަށްޓަކައި މިރޭ އަދި މާދަމާ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

ކޭއާރުއެޗް އިން ބުނީ އެރަށުގެ ހުރިހާ ރައްޔިތުން ވެސް މިކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވުން އެދޭ ކަމަށެވެ.

Ad
rt

ކޭއާރުއެޗް އިން ބުނީ އުތުރުގެ ޕޮލިސް ކްލަސްޓަރއާ ގުޅިގެން އެންމެ ފަހުން ނެގުނު 93 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައި ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވި އެންމެންގެ ސާމްޕަލް ވެސް މިހާރު ނެގިފައިވާ ކަމަށް ކޭއާރުއެޗް އިން ބުންޏެވެ.

މި ވަގުތު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ހާއްސަ ގޮތެއްގައި ބޭރަށް ނުކުންނައިރު މާސްކު އެޅުމާއި، އަދި ސާފުތާހިރު ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ ބަލި ކޮންޓްރޯލު ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވެސް ކޭއާރުއެޗް އިން ބުނެފައި ވެއެވެ.

ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްއޯއީސީން ބުނެފައިވާއިރު، އެރަށް އޮތީ މޮނިޓަރިން ހާލަތުގައި އެވެ.

24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުޅުދުއްފުށި ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.

އެންމެ ފަހުން ކުޅުދުއްފުށިން ފެނުނު ކޭސްއާއި ގުޅުންހުރި 154 ކޮންޓކްޓްސް ދެނެގަނެ ވުނުކަމަށާއި، 183 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެ ކޭސްއާއި ގުޅިގެން 15 ސްކޫލް ކުއްޖަކާއި، 7 މުދައްރިސަކާއި އަދި ފުޓްބޯޅަ އެކަޑަމީއަކުން 38 މީހެއް ޑައިރެކްޓްކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށް އެޗްއޯއީސީން ވަނީ ބުނެފައި އެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19ގެ ކޭސްތަކެއް ފެންނަމުންދާތީ އެކަމާބެހޭ ކަންކަން ބެއްލުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޚާއްސަ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ރައީސް ޞާލިޙް ވަނީ މިހާރު ނިންމަވާފައިއެވެ.