ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާކަމުގައި ވިދާޅުވެ، ކަނޑުތައް ޕްލާސްޓިކުން ތަޤައްޔަރުވަމުން ދާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިކަންބޮޑުވުން ފާޅު ކުރެއްވީ ނިއުޔޯކްގައި ހުންނަ އ.ދ. ގެ މައި މަރިކަޒުގައި އިއްޔެ ވަރޗުއަލްކޮށް ބޭއްވެވި އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް ކަނޑުތައް ޕްލާސްޓިކުން ތަޤައްޔަރުވަމުން ދާތީކަމަށެވެ.
ރައީސް ޞާލިޙް ވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް އެ ސަމިޓްގައި ވާހަކަފުޅު ދައްކަވާފައިއެވެ.
މިގޮތުން ރާއްޖެއިން އަންނަނީ މި ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުންކަމަށާއި، މި އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންސާނުންގެ ޙަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ދުވަސްވަރުގައި، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ޞިއްޙަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް ޢިލްމާއި ޓެކްޖޮލޮޖީގެ ބޭނުން ހިފާގޮތުގެ މައްޗަށްކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބޮޔޯޑައިވަރސިޓީ ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމަށާއި، މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމުގައި ވެސް ވިދާޅުވެފައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުން ފިލާވަޅު ލިބިގަތުމަށާއި، ތިމާވެއްޓަށް ކަމޭހިތުމަށް ވެސް ރައީސް ވަނީ އެ ސަމިޓްގައި ދެއްކެވި ވާހަކަ ފުޅުގައި ގޮވައި ލަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!