ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް ފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވާ ޤައުމުގެ ގޮތުގައި ހިމެނިފައިވާ އަވަށްޓެރި އިންޑިއާއަކީ ދުނިޔެއިން އިއްޔެވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމުގޮތުގައި ހިމެނިއްޖެއެވެ.
އިއްޔެވެސް އެ ޤައުމުން ވަނީ 86,748 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާއިން އިއްޔެ ޕޮޒިޓިވްވީ 40,920 މީހުންނެވެ. 33,269 މީހުން ޕޮޒިވްވި ބްރެޒިލް އޮތީ އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ތިންވަނަ ޤައުމުގެ ގޮތުގައިއެވެ.
ފަހަކަށް އައިސް އިންޑިއާއިން ބަށްޔަށް ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެ، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ނިސްބަތްވަނީ މަތީ ޢަދަދުތަކުގައި ހިފެހެއްޓިފައެވެ. އެހެންކަމުން ދުނިޔޭގައި އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނުމީހުން ތިބި ޤައުމަށް އިންޑިއާވުން އޮތީ މާދުރުގައި ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
މިގޮތުން ފާއިތުވި ފަސް ދުވަހުގެ ހިސާބުތަކަށް ބަލައިލިޔަސް އެކަމަށް ހެކި ލިބެއެވެ. މިގޮތުން އިއްޔެ އެ ޤައުމުން 86,748 މީހުން ޕޮޒިޓިވްވިއިރު، 29 ސެޕްޓެމްބަރުގައި 80,500 މީހުން، 28 ސެޕްޓެމްބަރުގައި 69,671 މީހުން، 27 ސެޕްޓެމްބަރުގައި 82,767 މީހުން އަދި 26 ސެޕްޓެމްބަރުގައި 89,010 މީހުންނަށް އެ ޤައުމުން ވަނީ މިބަލި ޖެހިފައި ވެއެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުންބޮޑު ސިޓީތައްވެސް ހިމެނޭ ގައުމެވެ. މިކަމާހެދި، ކޯވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ. އެ ޤައުމުގެ ހުރިހާ ހިސާބަކަށް ވެސް މިހާރު އެބަލި ވަނީ ފެތުރިފައެވެ.
މީގެ އިތުރުން އިންޑިއާއިން ކޯވިޑާއި ގުޅިގެން ލިބޭ ހިސާބުތަކަކީ އެންމެ ސީދާ ހިސާބުތައް ކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ނުދެކެއެވެ. އެ ޤައުމުގެ އަވަށް ތަކުގެ ހާލަތު ހުރިގޮތުން އެ ޤައުމުގެ ކޯވިޑް ހާލަތު އޮންނާނީ މިހާރު ލިބޭ ހިސާބުތަކަށްވުރެ އެއްގުނަ އިތުރުވާ މިންވަރަށް ކަމަށް އެ ފަރާތްތަކުން ލަފާ ކުރެއެވެ.
އިންޑިއާއިން އިއްޔެގެ ނިޔަލަށް ވަނީ 6,310,267 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި 98,708 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. އެ ޤައުމުން މިހާތަނަށް 5,270,007 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.
ކޯވިޑް ބަލި މިހާތަނަށް ދުނިޔޭގެ 34,146,558 މީހުންނަށް ޖެހިފައިވާއިރު އެބަލިން 25,410,139 މީހުން ވަނީ ރަނގަޅު ވެފައެވެ. މަރުވި މީހުންގެ ޢަދަދު ވަނީ 1,018,193 އަށް އަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!