ށ. ފޭދޫގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ށ. ފޭދޫ ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ''ސޭވް މޯލްޑިވްސް'' ހަރަކާތުން ބުނީ ފޭދޫގެ ކަނޑޫފާ މަރުވާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އެ ހަރަކާތުން ވަނީ ގޮވައިލާފައެވެ.
މީގެ އިތުރުން ހދ. ނޭކުރެންދޫ ކައުންސިލުން ބުނެފައިވަނީ އިތުރު ރަށްތަކަކުން ކަނޑޫފާ މަރުވާމައްސަލަ ފެންމަތިވުމަކީ ކަންބޮޑުވާ މައްސަލައެއްކަމަށެވެ. ނޭކުރެންދޫ ކައުންސިލުން ބުނެފައިވަނީ ކަނޑޫފާތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި މިކަމަށް ބޭނުންވާ ސާމާނު ލިބެންނެތުމަކީ ގޮންޖެހުމެއްކަމަށެވެ. އަދި މިކަންކަން ހައްލުކުރާނެ މަޢުލޫމާތު ލިބެން ނެތުމަކީވެސް ކަންބޮޑުވުމެއްކަން ފާހަގަ ކޮށްފައިވެއެވެ.
މީގެ ކުރީން ވަނީ ހދ. ނޭކުރެންދޫއާއި، ހދ. ވައިކަރަދޫއާއި އަދި ހއ. ކެލާގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ގަސްތައް މަރުވަމުންދާ މައްސަލަ ވެސް ފެންމަތި ވެފައެވެ. ށ. ފޭދޫގެ ކަނޑޫފާ މަރުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އުތުރުގެ ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން ސަރުކާރުން ވަނީ ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ސޭވް މޯލްޑިވްސް ހަރަކާތުން ވެސް ވަނީ ހދ. ނޭކުރެންދޫ ކަނޑޫފާ ހިމާޔަތް ކުރުމަށް ދިރާސާކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ސޭވް މޯލްޑިވްސް އިސްވެއޮވެ، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ވަނީ ޖުލައި މަސްތެރޭގައި ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ވެސް ފަށައިފައެވެ. ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.
ހދ. ވައިކަރަދޫގެ ކަނޑޫފާ މަރުވަމުންދާ މައްސަލަ ސޯސަލް މީޑިއާއަށް ތިލަވެފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެކަމާއި ގުޅިގެން އެދުވަހު ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް "ތިލަދުން" އަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމަށް މަޝްވަރާ ކުރެވި ޢަމަލީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުންދާނެކަމަށެވެ. ނަސީމް އިތުރަށް ވިދާޅުވީ ކަނޑޫ ގަސްތައް މަރުވަމުންދާ ކަމަށާއި އެކަން އަދި ދެނެގަނެވިފައި ނުވާކަމަށެވެ.
"ބޮޑަށް ބެލެވެނީ ތިިލަދުންމަތީގެ ކަނޑޫފާތަކަށްވެސް ދިމާވާ މައްސަލަކަމަށް މިއީ. މިއީ މީގެ ކުރިން ކާބަފައިންގެ ޒަމާނުންސުރެ ދިމާނުވާކަމެއްކަން. ދާދިފަހުން ވަނީ ގިނަ އަދަދަކަށް ކަނޑޫވެސް ހޮވާފައި. އޭރުވެސް ފާހަގަވި އެމައްސަލަ."
ނަސީމު އިތުރަށް ވިދާޅުވިއެވެ.
ހއ. ކެލާގެ ކަނޑޫފާ މަރުވާ މައްސަލަވެސް ފެންމަތިވެފައި ވަނީ ނޭކުރެންދޫ ކައުންސިލާއި އެކުއެކީ ކަހަލަ ގޮތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!