ފަތިހާއި ބައްދަލުވާ ހިނދު ތިބާ އެނދުގައި ގަދަ ނިދީގައި ޣާފިލް ކަންމަތީގައި ނޯންނާށެވެ. ތެދުވެ ފަތިސް ނަމާދުގެ ވަގުތުގައި ނަމާދުކޮށް އެ ނަމާދުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަންނާށެވެ.
ދުވަސް ފަށަންވީ ފަތިސް ނަމާދުންނެވެ. އެއަށްފަހު ތިބާއަށް ކެރި ކުޅަދާނަ ނަމަ ހެނދުނުގެ ޒިކުރު ދޫކޮށް ނުލާށެވެ. ޤުރުއާނުން މިންވަރެއް ނަމަވެސް ކިޔައިލާށެވެ. ދުޢާ ކޮށްލާށެވެ.
އަޒުމު ކަނޑައަޅަންވީ ދުވަހުގެ ބާކީ ހަތަރު ނަމާދުވެސް ވަގުތުގައި، ކުރުމަށެވެ. ފުރުޞަތު އޮތްނަމަ ފަތިސް ނަމާދެކޭ އެއްފަދައިން ޖަމާޢަތުގައިކުރުމަށެވެ. ހަވީރުގެ ޒިކުރުތައްވެސް ކިޔުމަށެވެ.
ތިބާއާއި ފަތިސް ވަގުތު ބައްދަލުވެއްޖެއެވެ. ނަމާދުން ދުވަސް ފެށުމުގެ ހިތްހަމަ ޖެހުން ހޯދަމުން ދުޅަހެޔޮކަން މަތީ ހުރުމަށް ކަސްރަތު ކޮށްލުމަށްވެސް ފަތިސް ވަގުތަކީ ވަރަށް ރަނގަޅު ވަގުތެކެވެ. އަޅުކަމަށް ފަހުގައި އެވެ.
ކާމިޔާބު، ދުޅަހެޔޮ ދުވަހަކަށްޓަކައި ވެސް ފެށުން ރަނގަޅު ފެށުމަކުން، ފެށުން ވަރަށް ބޭނުން ތެރިއެވެ. ހެނދުނު ހެނދުނާ މަސައްކަތައިގެން އަވަސްވެ ގަނެ، ތިބާގެ ލަނޑު ދަނޑިއަށް ވާސިލް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިމޭން ފަތިހުން ފެށުން އެހާމެ މުހިންމެވެ.
ރޭގަނޑު މެންދަމުން އަނބުރާ ދަންދެން ވައި އަނގަތެޅުމުގައި، ކޮފީގައި ވަގުތު ދުއްވައި ނުލާށެވެ. ފަތިހަށްޓަކައިވެސް، ރަނގަޅު މޮޅު އިތުރު ފެށުމަކަށް ޓަކައިވެސް ނިދާލާށެވެ. ދިރިއުޅުމުގެ މި ރާސްތާގައި ދެ ދުނިޔޭގެ ކާމިޔާބަށް އެދޭނަމަ ވެސް ތިބާ ފަތިހާ ބައްދަލުވާ ހިނދު ތެދުވާށެވެ.
މިކަން ތަޖުރިބާ ކޮށްލާށެވެ. ތި ގެންގުޅޭ އާދަތައް ދޫކޮށް، ވަގުތު އޮށްވައި އަވަސްވެ ގަންނާށެވެ. ތަފާތު ފެންނާނެއެވެ. ތިބާ ހެޔޮހިތުން ފަތިހާ ބައްދަލުވާން އެދޭނެމެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!