ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުން ނަގާ ކުލި މާލެ ސިޓީ ކައުންސިލުން ކުޑަ ކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކުރަން ނިންމީ ކޮވިޑް19އާ ގުޅިގެން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމުންނަށް ހީނަރުކަމެއް ކުރިމަތިވެފައި ވާތީ ކަމަށެވެ.

Ad
rt

މި ދެ މާރުކޭޓުގެ ގިޅިތަކުގެ އަގު ސިޓީ ކައުންސިލުން ކުޑަކޮށްފައި ވަނީ 2000 ރުފިޔާއަށެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ހުންނަ ގޮޅިތަކުން ކުލީގެ ގޮތުގައި ނަގަމުން އައީ މަހަކު 3،000 ރުފިޔާ އެވެ. އަދި ލޯކަލް މާރުކޭޓުގެ ގޮޅިއެއް މަހު ކުއްޔަކީ 2،500 ރުފިޔާ އެވެ.

ކުލި ކުޑަކުރުމުގެ އިތުރުން ކުނި އުކާލުމަށް ގޮޅިތަކުން ނަގާ ފީ ނުނެގުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ. ކުނި އުކާ ފީއެއްގެ ގޮތުގައި ނަގަނީ 150 ރުފިޔާ އެވެ.

ކޮވިޑް19 ޕެންޑެމިކްއާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ހުރިހާ މާރުކޭޓުތައް ބަންދުކުރި އެވެ. އަދި ލޮކްޑައުންއަށް ގެނައި ލުއިތަކާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު އެތަންތަން އަލުން ވަނީ ހުޅުވާފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތު ކުރުމަށްޓަކައި މިދިޔަ އަހަރު އޮގަސްޓް މަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވީ 165 ގޮޅީގެ ޖާގައަކާއެކުގަ އެވެ. އަލުން ހުޅުވިއިރު މާރުކޭޓު ޒަމާނީ ފެންވަރަށް ފެއްތުމަށްޓަކައި އެތަނުގައި މުށި ޖެހުމާއި ކެމެރާ ސިސްޓަމް ހަރުކުރުން ފަދަ މަސައްކަތްތައް ވަނީ ކޮށްފަ އެވެ.