އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފި ކަމަށެވެ.

Ad
rt

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ވަނީ، އިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ އަބަދު ވެސް ރާއްޖެއަށް ދިމާވާ ބޮޑެތި ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވާ އެއް ޤައުމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ރާއްޖެއިން ބޭސްފަރުވާއަށް ބޭނުންވި ފަރާތްތަކަށް އާސަންދައިގެ ދަށުން ބޭސްކުރުމަށް އިންޑިއާއިން މި ދަތި ދުވަސްވަރު ހަމަޖައްސައިދިން ޚާއްޞަ އިންތިޒާމުތައް ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ." އެ ބައްދަލު ވުމާއި ގުޅޭ މަޢުލޫމާތު ހާމަ ކުރަށްވަމުން ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ވަނީ، އެހެނިހެން ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ވެސް ފާހަގަކުރައްވާފައި، އެ ކަންކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

" މިގޮތުން އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ކުރިއަށް ގެންދާ ބައެއް މަޝްރޫޢުތަކާއި ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާ ސަފީރު މަޝްވަރާކުރެއްވިއެވެ." ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސް ފައިޞަލް، އިންޑިޔާ ސަފީރާއިއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.