ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރި ކޯވިޑް ބަލިމީހާ ރަނގަޅު ވެގެން ދޫކޮށްލައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި ފުރަތަމަ ކޯވިޑް ބަލި މީހާ މިއަދު ދޫކޮށްލާފައި ވާކަމަށެވެ.

Ad
rt

ކޯވިޑް-19ގެ ބަލިމީހެއްގެ ގޮތުގައި އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓްކުރީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭނާ އެޑްމިޓް ކުރީ ހުސްވި ޖުލައި މަހުގެ 28 ވަނަ ދުވަހެވެ. މިއީ އަތޮޅު ތެރޭ ގާއިމުކުރި ކޯވިޑް ފެސިލިޓީއެއްގައި އެޑްމިޓްކުރި ފުރަތަމަ މީހާއެވެ.

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެމީހާއަށް ފަރުވާ ދޭން ފެށުމާއި ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ޖުލައި 28 ވަނަ ދުވަހު ބުނީ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ކޯވިޑް-19 ގެ ފުރަތަމަ ބަލި މީހާ އެޑްމިޓް ކުރެވި، އެ ފެސިލިޓީގެ ޚިދުމަތް ފަށާފައި ވާކަމަށާއި، އެ ސެންޓަރުގެ ޚިދުމަތް ފެށުނު ނަމަވެސް، ށ. އަތޮޅު ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށް ދެމުން ދާނެ ކަމަށެވެ.

ކޯވިޑް ފެސިލިޓީގެ ޚިދުމަތާއި، އެ ހޮސްޕިޓަލުން ދެމުންދާ އާންމު ޚިދުމަތް ތަކަކީ، މުޅިން ވަކިން ދެވެމުންދާ ތަފާތު ދެ ޚިދުމަތެއްކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެ ޚިދުމަތްތައް ދެވެމުން ދާނީ އާންމު ރައްޔިތުންނާއި، ހޮސްޕިޓަލްގެ މުވައްޒަފުން ގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަން ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 27 ވަނަ ދުވަހުގެ ރެއެވެ. ކެލާ ސަވާރީ ބޯޓުން ދަތުރުކުރި އިތުރު 9 މީހަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހެވެ.