ހއ. ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރަށަކީ ދުބާއީގެ ކޮންސެޕްޓަށް ހިންގޭނެ ވިޔަފާރިއެއް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ދައްޕަރަކީ ރިއަލްސްޓޭޓް އުސޫލުން ދިގުމުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭ ގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށެވެ.

Ad
rt

އެރަށް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ނިންމާފައި ވަނީ ޓޫރިސްޓް ރިސޯޓުތައް ގޮތަށް، އެހެން އުސޫލެއްގެ ދަށުން ހިންގާ ރިސޯޓެއްގެ ގޮތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުއަކީ އެއްވެސް ވަރަކަށް އިންޑިއާ އާއި ގުޅުމެއް އޮތް މަޝްރޫޢުއެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ތަފާތު ވިޔަފާރިތަކަށް އިންވެސްޓް ކުރުމަކީ، އިޤްތިޞާދުގައި ދިވެހިންގެ ހިއްސާ ބޮޑު ކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް، ޓޫރިޒަމަށް ބަރޯސާވުން ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު"

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދައްޕަރު ރިއަލްސްޓޭޓް އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ހިފުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ބަޔަކީ ޢަރަބިންނާއި، މެދު އިރުމަތީގެ ރަށްޔިތުން ކަމަށެވެ. އަދި ދައްޕަރު އިންވެސްޓްމެންޓަކީ ޢަރަބިން ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރަށަކީ ދުބާއީގެ ކޮންސެޕްޓަށް ހިންގޭނެ ވިޔަފާރިއެއް ކަމަށް ޝަރީފް ވަނީ ވިދާޅު ވެފައެވެ.

ދިގުމުއްދަތަށް ރިސޯޓުތަކުގެ ވިލާއެއް ނުވަތަ އެފަދަ އެޕާޓްމެންޓެއް ގަތުމުން ރެސިޑެންސް ވިސާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަން ވިސްނަމުން ދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައެވެ.

އެ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވުން މިނިސްޓަރު ފައްޔާޒު ވަނީ ރެސިޑެންސް ވިސާ ދިނުމުގެ އާ ހިޔާލެއް ގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ. މި ގޮތުން ފައްޔާޒު ފާހަގަ ކުރެއްވީ ސެކަންޑް ހޯމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހއ. ދައްޕަރުގައި ސަރުކާރުން ފަށަން އުޅޭ ޕްރޮޖެކްޓްގެ ވާހަކަ އެވެ. އެތަނުގައި އެޕާޓްމެންޓްސް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ވިއްކާލައި އެތަން ގަންނަ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާކަން ފައްޔާޒް ފާހަގަ ކުރެއްވި އެވެ. އެއީ އެއްގޮތަކަށްވެސް ބިން މިލްކޮށް ދިނުން ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ސިޓިޒަންޝިޕް ދިނުމެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓް ފެށުމުގެ ކުރިން ރެސިޑެންސީ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ފޮނުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މިހާރު އެމަސައްކަތް ކުރަމުން ދާ ކަމަށް ވިދާޅުވި އެވެ.

އުތުރުގެ ރަށެއްގައި އިންޑިޔާ މީހުން އާބާދު ކުރަނީ ކަމަށް މިހާރަކަށް އައިސް އަޑު ފެތުރެމުން ދާތީ އެވާހަކަ އަކީ ބުހުތާނު ދޮގެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވަނީ ވިދާޅުވެފައެވެ.

18 ޑިސެމްބަރު 2019 ގައި ރިސޯޓުގެ ގޮތުގައި 29 ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާނު ކުރެއްވި ރަށްތަކުގެ ތެރޭގައި ދައްޕަރުވެސް ވެސް ހިމެނެއެވެ.

ދައްޕަރަކީ ހއ. ފިއްލަދޫގެ އުތުރުން އެ ރަށާއި ގުޅިފައި އޮންނަ ބޮޑު ފަޅުރަށެކެވެ.