ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގައި އެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ގިނަ ފިޔަވަޅު ތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އެމްޓީސީސިީން ކުރަމުން ގެންދާ އާންމު ދަތުރުފަތުރުތައް ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން މާދަމާއިން ފެށިގެން އުވާލައި އާންމު ޝެޑިއުލް ތަކާއި އެއްގޮތަށް ދަތުރުތައް ފަށަށް ނިންމައިފިއެވެ.
ކޯވިޑް19 އާއި ގުޅިގެން އިޢުލާން ކުރި ފުރަބަންދަށް ބޮޑެތި ލުއި ތަކަކާއި އެކު އުވާލަން ސަރުކާރުން ނިންމުމާއި ގުޅިގެން އެމްޓީސީސީން ބުނީ މާދަމާ ދަތުރުތައް ފަށަން ތައްޔާރުވެފައި ތިބި ކަމަށާއި ނަމަވެސް ދަތުރުތައް ކުރާ އިރު އާންމު ރައްޔިތުންގެ ސަލާމަތައް ވިސްނައި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، ދަތުރުކުރާއިރު އެންމެން ވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާއި، އަދި އުޅަނދުގައި ތިބޭއިރު އެކަކު އަނެކަކާ ތިން ފޫޓްގެ ދުރުމިނެއް ބަހައްޓަން ޖެހޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މާދަމާ އިން ފެށިގެން ވިލިމާލޭ ފެރީ ދަތުރުތައް، ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 5:45 އިން ފެށިގެން ރޭގަނޑު 1:00 އާ ހަމައަށް ކޮންމެ 15 މިނެޓަކުން ފެރީއެއް ބާއްވަން ނިންމާފައިވާއިރު، ރޭގަނޑު 10:00 ގެ ފަހުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލޭ ޕްރިމިއަމް ފެރީ އާންމު ދުވަސްތަކުގެ ހެނދުނު 6:00 އިން ރޭގަނޑު 9:30 އާ ހަމައަށް ކޮންމެ 30 މިނެޓަކުން ބާއްވަން ނިންމާފައިވާއިރު، ހުޅުމާލޭ އެތެރޭގައި ދަތުރުކުރާ ބަސްތައް ވެސް ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 9:55 އާ ދެމެދު އާންމު އުސޫލުން ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލެ އާއި ހުޅުލޭ އެއާޕޯޓާ ދެމެދު ދަތުރުކުރާ ބަސްތައް ވެސް ފަތިހު 5:30 އިން ފެށިގެން ރޭގަނޑު 12:30 އާ ހަމައަށް ކޮންމެ 30 މިނެޓަކުން ދަތުރެއް ކުރަން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ތިލަފުއްޓާއި މާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް އޮންނާނެ އެވެ. އަދި ގުޅިފަޅާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީތައް ހެނދުނު 7:15 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް އޮންނާނެ އެވެ.
އަދި އެމްޓީސީސީން އަތޮޅުތެރޭގައި ކުރާ ފެރީތައްވެސް ހަމަ މި އުސޫލުތަކުގެ ދަށުން ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!