މޫސުން ގޯސްވުމުގެ ސަބަބުން ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަންދިޔަ ބަޔަކު ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުމުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި ކަމަށެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 17:35 ހާއިރު ކަމަށާއި، އެވަގުތުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެމީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
" މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ. ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެކެވެ. މި މީހުންގެ ތެރޭގައި 7 ފިރިހެންނުންނާއި 3 އަންހެނުން ހިމެނެއެވެ. މި މީހުން ހދ. ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ." އެމްއެންޑީއެފުން މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވެއެވެ.
އެމީހުން ރަށަށް ގެންގޮސް ދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، ދަތުރު ފަށާފައި ވިޔަސް އަދި އެމީހުންރަށާއި ހަމައަށް ގެންދެވިފައި ނުވާ ކަމަށާއި، އެސަރަޙައްދުގެ ކަނޑު ވަރަށް ގަދަ ކަމަށް އެމްއެންޑީއެފުން އިތުރަށް ވަނީބުނެފައެވެ.
ހދ. މާވައިދޫއަކީ ކުރިން މީހުން ދިރި އުޅުނު ރަށެކެވެ. 1 ޖެނުއަރީ 2011 ގައި އެރަށުގެ ރައްޔިތުންވަނީ ހދ. ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!