މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއް ހިންގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދޫފުއްޓާއި ހަނިމާދޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.

އެ ތިން އޮޕަރޭޝަންއާއި ބެހޭ މަޢުލޫމާތުދެމުން ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހުންކަމަށާއި މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ.

Ad
rt

އެ ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 57 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި، 33 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި 57 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ.

38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދުއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.