ރައްޔިތުންގެ މަޖިލީހުން ނިންމި މުހިންމު ބިލްތަކަށް ތިލަދުންމަތީގެ މެންބަރު ވޯޓުދިންގޮތް ފަސޭހައިން ބަލާލެވޭނެ ގޮތް "ތިލަދުން" އިން މިވަނީ ޤާއިމްކޮށްފަ އެވެ.
“މަޖިލިސް ވޮޗް”ގެ ނަމުގައި ތިލަދުންއިން މި ގެނެސްދޭ ސެގްމެންޓް އަކީ މެންބަރުންގެ މަޢުލޫމާތު ތަކާއި މެންބަރުންނާއި ގުޅޭ ޚަބަރުތަށް ހިމަނައިގެން ގެނެސްދޭ ބަޔެކެވެ. މި ބައިގައި ހިމަނާލެވިފައިވާނީ ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ހއ، ހދ، ށ އަތޮޅުގެ ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން އެކިއެކި ބިލްތަކާއި މައްސަލަތަކުގައި ވޯޓުދިން ގޮތުގެ ތަފްސީލެވެ. އަދި އެ މެންބަރުން ސާމިލްވެ ވަޑައިގަންނަވާ މަސައްކަތްޕުޅުތަކާއި ތިލަދުންމަތީގެ މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީތައް ފެންނަން ހުންނާނެއެވެ. މިބަޔަށް ޒިޔާރަތް ކުރެއްވުމަށް މެއިން މެނޫގައިވާ "މަޖިލިސް" ޓެބް އިން ނުވަތަ www.thiladhun.com/majilis ޖެއްސެވުމުންވެސް ވަދެވޭނެއެވެ.
ތިލަދުންގެ “މަޖިލިސް ވޮޗް” އާއި ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ދެކޭ ގޮތް ހާމަކުރައްވަމުން ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މެމްބަރުންކަން ޔަޤީން ކުރުމައްޓަކައި މަޖިލީހުގެ ހިންގުން ހާމަ ވާން ޖެހޭކަމަށެވެ. މަޖިލީހުގެ ހިންގުން ހާމަ ވާނީ މެމްބަރުންގެ މަސައްކަތް ތަފްސީލުކޮށް ރައްޔިތުންނަށް އިނގިގެންކަމަށެވެ.
“މަޖިލިސް ވޮޗް” އަކީ މަޖްލިސް ހިންގުން ހާމަކޮށް މެންބަރުން ޖަވާބުދާރީ ކުރުމަށް އިތުރު އެހީ އަކަށް ވާނެ ކަމެއް
އައިމަން ރަޝީދު ދެކޭ ގޮތް ހާމަކުރައްވަމުން ވިދާޅުވިއެވެ.
މިލަންދޫ ދާއިރާގެ މެންބަރ ޢަލީ ރިޟާ “މަޖިލިސް ވޮޗް” އާއި ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރަމުން ވިދާޅުވީ މުޅި ބޮޑުތިލަދުންމަތީގެ އެންމެ ރައްޔިތުންނާއި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވެސް މި ނޫސް މެދުވެރިކޮށް ސައްހަ ސާފު މަޢުލޫމަތު އަބަދުވެސް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.
ވަރަށް އުފާވޭ މިވަރުގެ ބުރަ މަސައްކަތެއް ކުރުމަށް އިސްނަންގަވާ ކުރިއަށް ގެންދަވާތި. ވަރަށް ވެސް ބޮޑު ޒިންމާ އެއް. އަޅުގަނޑު އެދެނީ ޒިންމާދާރު ތެދު މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ކުރިއަށް ވަޑައިގަތުމުގެ މުހިއްމުކަން ވަރަށް ވެސް ބޮޑު ކަމަށް.
މިލަންދޫ ދާއިރާގެ މެންބަރ ޢަލީ ރިޟާ ވިދާޅުވެފައިވެއެވެ.
ދިއްދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ވަޙީދު “މަޖިލިސް ވޮޗް” އާއި ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރަމުން ވިދާޅުވީ ރައްޔިތުންނާ ގާތުން އަދި ހާމަކަން ބޮޑު ގޮތެއްގައި 19 ވަނަ މަޖިލީހުގެ މެންބަރުން މަސައްކަތްކުރުމަށް ވަޢުދުވެފައިވާތީ، އެކަން އެ ގޮތަށް ކުރިއަށްގެންދިޔުމުގައި "ތިލަދުން" ނޫހުން، ތިލަދުންމަތީގެ މެމްބަރުންނަށް ޚާއްޞަކުރެވިގެން އެ މަސައްކަތްކޮށްދެއްވަން ނިންމެވިކަމީ ނުހަނު އުފަލާއި އެހާމެ ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމެއްކަމަށެވެ.
މި މަސައްކަތުގައި އަޅުގަނޑު އެދެނީ "ތިލަދުން" ނޫހަށް ކާމިޔާބީއާއި ކުރިއެރުމެވެ.
ދިއްދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ވަޙީދު ވިދާޅުވެފައިވެއެވެ.
ތިލަދުންމައްޗަށް ނިސްބަތްވާ ހަމަ އެކަނި އަމިއްލަ މެންބަރު ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވީ މަޖިލީހުގައި މެންބަރުން ކުރައްވާ މަސައްކަތައް ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ފެންނަން ހުރުމަކީ މެންބަރުންގެ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ.
މެންބަރުން ކަންކަމުގައި ވޯޓުލީގޮތް ބެލުމަކީ އުނދަގޫކަމެއް، މަޖިލިސް ސައިޓްއަށް ވަދެ ވަރަށް އުނދަގުލުން ބަލަން މިޖެހެނީ، "ތިލަދުން" އިން މެންބަރުންނަށް ގާއިމްކޮށްފައިވާ މިބައިން ވަރަށް ފަސޭހަ ކަމާއިއެކު އެބަ ބަލާލެވޭ، މަޖިލީހުގައި މެންބަރުންގެ މިނިވަންކަމާއި އެކު ވޯޓުލީގޮތް ފެންނަން ހުރުމީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެން،
ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވިއެވެ.
ދާއިރާގެ މެންބަރު ވޯޓުދެއްވިގޮތް ބެލުމަށް މެންބަރުގެ ނަން ނުވަތަ ވަކި ބިލެއް ޚިޔާރުކުރެއްވުމުން ތިން އަތޮޅުގެ މެންބަރުން ވޯޓު ލާފައިވާ ގޮތް ފެންނަން ހުންނާނެއެވެ.
ބިލް، ޤަރާރު، ޕެޓިޝަން، ކުއްލި މައްސަލަ، ޖަވާބުދާރީ ކުރުވުން، ރުހުން ހޯދުން، އަދި އެހެނިހެން ކަންކަމުގައި މެންބަރުން ވޯޓު ދީފައިވާ ގޮތުގެ 224 ވޯޓެއް މިވަގުތު ސައިޓުން ފެންނަން ހުންނާނެއެވެ. މިވަގުތު އެންމެ ފަހުން މަޖިލީހުގައި ބޭއްވި ޖަލްސާގައި މެންބަރުން ވޯޓު ލާފައިވާ ވަގުތާއި ހަމައަށް އަޕްޑޭޓް ކުރެވިފައިވާނެއެވެ. މެންބަރުން ވޯޓު ދީފައިވާގޮތް ގެނެސްދީފައިވާނީ މަޖިލިސް ސައިޓުގައިވާ ވޯޓް ސީޓް އާއި އެއްގޮތައް އެއްވެސް އުނިއިތުރު ކުރުމެއް ނެތިއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!