މިހާރު އޮތް ތައުލީމީ މަންހަޖު ގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޑިއުކޭޝަން މިނިސްޓްރީން ހޯދި ރާއްޖެ އިން ބޭރުގެ ކޮންސަލްޓެންޓުންގެ މަސައްކަތް އޯގަސްޓް 18 ގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މަންހަޖާއި ބެހޭ ކޮންފެރެންސް ނުވަތަ ކަރިކިއުލަމް ކޮންފެރެންސް ވަނީ ފެބްރުއަރީ މަހު ބާއްވާފަ އެވެ. އެ ކޮންފެރެންސަށް ފަހު މަންހަޖު އިސްލާހް ކުރަން ޖެހޭކަން އެނގުނު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. އެއާއެކު މިނިސްޓްރީން ވަނީ ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

Ad
rt

އެ މަސައްކަތަށް ކޮންސަލްޓެންޓުން މިހާރު ހަމަޖައްސާފައި ވަނީ އިނގިރޭސިވިލާތުގެ ކެމްބްރިޖުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމީހުންގެ މަސައްކަތް ފަށާނީ އޯގަސްޓް 18 ގައި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މަންހަޖު އެކުލަވާލުމުގެ މަސައްކަތް ކުރާ ދިވެހިންނާއި ތައުލީމީ ދާއިރާގައި އުޅޭ އެހެން ފަރާތްތަކަށް ހާއްސަ ތަމްރީނުތަކެއް ކޮންސަލްޓެންޓުން ހިންގާނެ އެވެ. އޭގެ ފަހުން އެމީހުން ދާނީ އެކި ސްކޫލުތަކުގައި ކިޔަވައިދޭ ގޮތް ބެލުމަށް ޒިޔާރަތް ކުރަމުންނެވެ. އަދި ފޮތްތައް ރަނގަޅަށް ބަލައި، ދިރާސާ ކުރާނެ އެވެ.

ކޮންސަލްޓެންޓުންގެ މަސައްކަތަކަށް ވާނީ މަންހަޖުގައި ހުރި ވަކިވަކި މައްސަލަތައް ދެނެގަނެ، އިސްލާހު ކުރެވޭނެ ގޮތްތައް ރިޕޯޓެއްގެ ސިފައިގައި ހުށަހެޅުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ރިޕޯޓު ނިމޭނެ ކަމަށެވެ. އެއަށްފަހު ކަރިކިއުލަމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާނެ އެވެ.

އެގޮތުން އެންމެ ދަށް ކީ ސްޓޭޖުތަކުގެ މަންހަޖާއި ޓެކްސްޓު ފޮތްތައް އެންމެ ފުރަތަމަ ބަދަލު ކުރުމަށް ފަހު، ބަދަލާއެކު ބޭނުން ކުރަން ފަށާނީ 2021 ވަނަ އަހަރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދިނެވެ.