ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ހއ. ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފިއެވެ.
ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބައެއް ފަރާތްތަކަށް ނަފްސާނީ ބައެއް އުނދަގޫތައް ދިމާވަމުން ދާކަމަށް ފާހަގަ ކުރެވޭތީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު އިމަޖެންސީ އޮޕަރޭޓިން ސެންޓަރގައި ސައިކޯ ސޯޝިއަލް ސަޕޯޓް ޑެސްކެއްވަނީ ޤާއިމް ކުރެވިފައި ވާކަމަށެވެ.
މި ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ދިއްދޫ ކައުންސިލުން ބުނީ ސައިކޯ ސޯޝަލް ސަޕޯޓް ހޯދުމަށް ގުޅާނެ ނަންބަރަކީ 6500577 ކަމަށެވެ. އަދި ޑެސްކް ހުޅުވިފައި ހުންނަ ގަޑިތައް ފިޔަވާ އެހެން ގަޑިއެއްގައި ޑެސްކްގެ އެހީތެރިކަން ބޭނުންފުޅުވާނަމަ 7285604 ނަންބަރު ފޯނާގުޅައި، ޑެސްކްގެ އެހީތެރިކަން ހޯއްދެވުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
އެކައުންސިލުން ވަނީ މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދިއްދޫއަށް ނުދެވި ތިބި ދިއްދޫ ރައްޔިތުން ދެނެގަތުމުގެ މަސައްކަތްވެސް ފަށާފައެވެ. މިއީ މިގޮތަށް އެންމެ ކުރީން މަސައްކަތްފެށި އެއް ކައުންސިލްކަން ފާހަގަ ކޮށްލެވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 3 ދުވަހުގެ މުއްދަތަށް ދިއްދޫ ފުރަބަންދު ކުރުމަށް ނިންމައި 23 އެޕްރީލް 2020 ހަވީރު 6:00 އިން 26 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 އަށް އެ ރަށް ފުރަބަންދު ކުރުމަށްފަހު، ފަހު އެ މުއްދަތު 1 މެއިގެ ނިޔަލަށް ދިއްދޫ ކައުންސިލުން ވަނީ އިތުރު ކޮށްފައެވެ.
އެޗްޕީއޭއިންވެސް ވަނީ 25 އޭޕްރިލްއިން ފެށިގެން ދިއްދޫ މޮނިޓަރިންގ ހާލަތަށްވެސް ގެނެސްފައެވެ.
އުތުރުން ހއ. އުލިގަމު މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވު ވެފައި ވާއިރު، ށ. ނަރުދޫން 8 މީހުންނާއި، އެއަތޮޅު މިލަންދޫ މީހެއްވެސްވަނީ މިބައްޔަށް ޕޮޒިޓިވު ވެފައެވެ.
ރާއްޖެގައި މިހާތަނަށް މިބައްޔަށް 396 މީހަކު ވަނީ ޕޮޒިޓިވުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!