ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި، ށ. އަތޮޅުން އިތުރު 22 ސާމްޕަލް ނަގައިފިއެވެ.
ށ. އަތޮޅު ހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޯވިޑަށް ޓެސްޓް ކުރުމަށްޓަކައި، އެ އަތޮޅުން ނެގި 22 ސާމްޕަލާއި އެކު އެއަތޮޅު ފުނަދޫން ސީ އެމްބިއުލެންސް ފުރާފައިވާ ކަމަށެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވާ ގޮތުން އެ 22 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ނަރުދޫން 13 މީހެއްގެ ސާމްޕަލާއި، މިލަންދޫ 8 މީހެއްގެ ސާމްޕަލާއި އަދި ކަނޑިތީމު މީހެއްގެ ސާމްޕަލެކެވެ.
އެ އަތޮޅުގެ ދެ ރަށަކުން މިހާތަނަށް ކޯވިޑަށް 9 މީހަކު ވަނީ ޕޮޒިޓިވު ވެފައެވެ. އޭގެ ތެރެއިން 8 މީހުން ނަރުދޫން ޕޮޒިޓިވް ވެފައި ވާއިރު، ދެން ޕޮޒިޓިވު ވެފައި ވަނީ އެ އަތޮޅު މިލަންދޫ މީހެކެވެ.
ކޯވިޑް-19 އަށް ފުރަތަމަ އެ އަތޮޅުން ޕޮޒިޓިވްވީ ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަނެވެ. މިހާތަނަށް އެ އަތޮޅުން ޕޮޒިޓިވްވީ ހުރިހާ މީހުންވެސް ގުޅިފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަންގެ ކޭހާއެވެ. އަމާޒު ބޯޓާއި ގުޅުން ހުރި 113 މީހެއް ދެނެ ގަނެވިފައި ވާ ކަމަށް އެންއީއޯސީ ވަނީ ބުނެފައެވެ.
އަމާޒު ބޯޓު ކޭހާއި ގުޅުން ހުރި ސަތޭކަ ތޭރަ މީހުން ކުރެ 35 މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި، އޭގެ ތެރެއިން 11 މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށްވެސް އެންއީއޯސީ ވަނީ ބުނެފައެވެ.
ރާއްޖެގައި މިހާތަނަށް މިބައްޔަށް 396 މީހަކު ވަނީ ޕޮޒިޓިވުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!