ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެސް އެ އެއާޕޯޓަށް މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށީ މިއަދު ހެނދުނު އެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ.

Ad
rt

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިޝަންގެ ރިޒަވޭޝަންސް ޖެނެރަލް މެނޭޖަރ އައިމިނަތު ސަމީހާ ވިދާޅުވީ އީދު ޗުއްޓީއާ ދިމާވުމުން މިދުވަސްވަރު ބޮޑަށް ޑިމާންޑް އޮތީ މާލެއިން ކުޅުދުއްފުއްޓަށް ކަމަށެވެ. ކުޅުދުއްފުށިން މާލެއަށް މިދުވަސްވަރު އެހާ ޑިމާންޑެއް ނެތް ކަމަށެވެ.

މި ހަފުތާއަށް ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލްކޮށްފައި ވަނީ ފަސް ފުލައިޓެވެ. ކުރިއަށް އޮތް ހަފުތާގެ ޝެޑިއުލް އަދި މޯލްޑިވިއަނުން އާންމުކޮށްފައިނުވިނަމަވެސް ސަމީހާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާތެރޭގައިވެސް ފުލައިޓް ޝެޑިއުލް ކުރިއަށްދާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އާންމު ދަތުރުތަކަށް ހުޅުވާލިއިރު އީދު ޗުއްޓީއަށްފަހު އާންމު ދަތުރުތައް ފަށާނީ ގާތްގަނޑަށް ހަފުތާއަކު ތިން ފުލައިޓުން ކަމަށެވެ. އެކަމަކު ޑިމާންޑް އޮތްވަރަކުން ފުލައިޓް އިތުރުކުރާނެކަމަށް ސަމީހާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފެށިފައިވަނީ ވެރިކަމުގެ ފަހުކޮޅުއެވެ.

އެގޮތުން ހަމައެކަނި ރަންވޭއެއް އެޅުމަށްފަހު، ރިޔާސީ އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ރަންވޭއަށް ބޯޓްޖައްސާ އެއާޕޯޓް ރަސްމީކޮށް ހުޅުވިކަމަށް އޭރުގެ ސަރުކާރުން އިއުލާން ކުރިއެވެ. ނަމަވެސް އޭރު އެހެން ވަސީލަތެއް އެތާ ނެތުމުން މި ސަރުކާރުން ވެރިކަމާއި ހަވާލިވިއިރު ކުޅުދުއްފުށީ ރަންވޭ އޭރު ބޭނުން ކުރަމުން ދިޔައީ ކަސްރަތުކުރާ މީހުން ކަސްރަތުކުރާ ތަނެއްގެ ގޮތުގައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ނުނިމިހުރި މަސައްކަތް ނިންމާ މިއަދު ޝެޑިއުލް ދަތުރުތައް ފެށިއިރު، އެ އެއާޕޯޓްގެ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ރޭގަނޑުވެސް ފްލައިޓް އޮޕަރޭޓް ކުރެވޭވަރަށް ތަރައގީ ކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށްވަނީ ނިންމާފައެވެ.

ފުރަތަމަ ފަށާގަންނައިރު ކުޅުދުއްފުށީ އެއާޕޯޓަށް އޮޕަރޭޓްކުރާނީ ހަފުތާއަކު ތިން ފުލައިޓްއެވެ. ކުޅުދުއްފުށީ ދަތުރުތަކަށް ޓިކެޓް ވިއްކަން ފެށީ އަންގާރަ ދުވަހު އެވެ. އަގަކީ ކޮޅަކަށް 1،113 ރުފިޔާ އެވެ. ނަންނޯޓްކުރުމަށް ހުޅުވާލުމުން މައުލޫމާތު ލިބިފައިވާގޮތުން 900 އަށްވުރެ ގިނަ މީހުން ވަނީ ނަންނޯޓްކޮށްފަ އެވެ.