ހދ. ކުރިނބީން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރުމަށް ކުރިނބީ ކައުންސިލުން ނިންމައިފިއެވެ.

ކުރިނބީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރުކަމަށްބަލައި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އެއްވެސް ކުއްޔަކާއި ނުލައި، ރަށުގެ ދެކުނުފަރާތުން ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމަށް ނިންމައިފިކަމަށެވެ.

Ad
rt

"މިގޮތުން ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަންކުރަން ބޭނުންވާ ގޭގެއިން ކޮންމެ ގެޔަކަށް 1 (އެކެއް) ބިމެވެ. ދަނޑުގެ ބޮޑުމިން ކަނޑައަޅާނީ އެކަމަށް އެދޭ ފަރާތްތަކަށް ނިސްބަތްކޮށް ދަނޑުދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލައިގެންނެވެ. މިގޮތުން ދޫކުރެވޭ ދަނޑުތަކަކީ ކުރުމުއްދަތަށް ދޫކުރެވޭ ވަގުތީ ދަނޑުތަކަކަށްވާތީ މި ދަނޑުތަކުގައި ހެއްދޭނީ ގޮވާމާއި، ފަލަމަޑީގެ ބާވަތްތައް ފަދަ ކުރުމުއްދަތުގައި ހައްދައިގެން ކާނާ ލިބޭ ބާވަތްތަކެވެ." އެ ކައުންސިލުން ބުނެފައި ވެއެވެ.

މި އުސޫލުގެ ދަށުން ދަނޑުބިން ބޭނުންވާ ގޭގެއިން 09 އޭޕްރިލް 2020 ވަނަ ދުވަހުގެ ކުރިން ކުރިނބީ ކައުންސިލް އިދާރާގެ ނަންބަރު 6520036 ފޯނަށް ގުޅުއްވައިގެން ނަންނޯޓް ކުރުމަށް އެކައުންސިލުން އެދެއެވެ. އަދި ނަން ނޯޓް ކުރުމަށް ގުޅުއްވާނީ ރޭގަނޑު 20:30 އިން 21:00 އާއި ދެމެދުކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.