ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ.
އެއީ ހިޖުރައިން 981 ން 993 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި 981 ވަނަ އަހަރު ގައެވެ. ދިވެހިތާރީޚްގައި މިރަދުން މަޝްހޫރު ވެފައިވަނީ ބޮޑު ތަކުރުފާނުގެ ނަމުންނެވެ.
ބޮޑު ތަކުރުފާނު އަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ހަރުދަނާ ބަޠަލެވެ. ބޮޑު ތަކުރުފާނު އަކީ ދިވެހިންގެ ގައުމީ ބަތަލެކެވެ. ގައުމީ ދުވަހުގެ ބަތަލުވެސް މެއެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ.އިހަވަންދޫ އާމިނާ ދިޔޯ އެވެ. އުފަންވެ ވަޑައިގަތީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ 3 ވަނަ ދައުރުގެ ތެރޭގައެވެ.
ބޮޑު ތަކުރުފާނު ތަޢުލީމް ޙާޞިލް ކުރެއްވީ ބައްޕާފުޅު އުތީމު ޙުސައިން ޚަޠީބު ތަކުރުފާނު އާއި، ބޮޑު ބޭބޭފުޅު ނޮޅިވަރަންފަރު އެދުރުކަލޭގެފާނުގެ އަރިހުންނެވެ. މީގެ އިތުރުން ބޭދަޅީން އެކިއެކި ހުނަރާއި ތަޖުރިބާތައް ހޯއްދެވިއެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް އަކީ ދީލަތިކަމާއި އަދުލުވެރިކަމާ އެކީގައި ރަސްކަން ހިންގަވަމުން ގެންދެވި ރަސްކަލެކެވެ. ނިކަމެތީންގެ ޙާލު ބެއްލެވި، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ރަސްކަލެކެވެ.
އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ނުވަތަ ބޮޑު ތަކުރުފާނު 11 އަހަރާއި 6 މަސްދުވަހު ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ 1 ރަމަޟާން 993 ހ ގައެވެ.އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާގެ މިސްކިތުގެ ގޯތި ތެރޭގައެވެ.
މަރުޖިޢުތައް
- ފަތްތޫރަ - މެއި 1989 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ފަތްތޫރަ އޮކްޓޯބަރު 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!