ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް، ދުނިޔޭގެ އެންމެ ބާރުގަދަކަމަށް ދަޢުވާ ކުރާ އެމެރިކާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.
މިބަލި އެމެރިކާއިިން މިހާތަނަށް 100390 މީހުންނަށް ވަނީ ޖެހިފައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށިކަމަށް ބުނާ މިބަލި މިހާތަނަށް ޗައިނާއިން ޖެހިފައިވަނީ 81340 މީހުންނަށެވެ.
އެމެރިކާ އިން މިބަލީގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގައިއެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާއިން މިބަލި ފެނިފައިވާތީ އެމެރިކާއިން މިބަލި ފެނިފައިވަނީ ޗައިނާއަށްވުރެ 50 ވަރަކަށް ދުވަހުން ކަމަށް ލަފާކުރެވޭއިރު، އެމެރިކާގައި މިބަލި ކޮންޓްރޯލް ނުވެ މާ ބާރު މިނުގައި ފެތުރެމުންދާ ކަން ވަޒަން ކުރެވެއެވެ.
ޗައިނާއިން މިހާތަނަށް މިބަލީގައި މަރުވެފައިވަނީ 3292 މީހުންނެވެ. އެމެރިކާއިން 1543 މީހުން މިބަލީގައި މަރުވެފައެވެ.
މިބަލިން މި ދެ ޤައުމުން މީހުން ރަނގަޅުވި ޢަދަދަށް ބަލާއިރު ޗައިނާއިންވަނީ 74588 މީހުން ރަނގަޅުވެފައިއެވެ. އެމެރިކާ އިން ރަނގަޅު ވެފައިވަނީ 2465 މީހުންނެވެ. އެމެރިކާ ފަދައިން މިބަލި އިޓަލީގައިވެސް ވަރަށް ބާރަށް ފެތުރި، މިހާތަނަށް 86498 މީހުންނަށް މިބަލި ޖެހި، 9134 މީހުން އެ ޤައުމުން ވަނީ މަރުވެފައެވެ. ޗައިނާއިން މިބަލި ޖެހުނު މީހުންނަށްވުރެ އެމެރިކާ އަދި އިޓަލީއިން ޖެހުނު މީހުންގެ އަދަދު މިއަދު މިވަނީ އިތުރުވެފައެވެ.
އެމެރިކާއިން މިބަލި ޗައިނާގައި ފެތުރެން ފެށުމުން ބުނެފައިވަނީ މިއީ އާދައިގެ ރޯގާއެއްކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން މިބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅި އިރުވެސް އެމެރިކާއިން މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ތިބިކަން ފާހަގަ ކޮށްލެވެއެވެ. މިބަލީގެ ސަބަބުން އެމެރިކާގެ އިގްތިސާދުވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓި އެތައް މިލިޔަން ބަޔެއްގެ ވަޒީފާ ގެއްލިފައެވެ.
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެ، ދުނިޔޭން އެބަލި ޖެހުނު މީހުންގެ ޢަދަދު ފަސް ލައްކަ ފަހަނަ އަޅައި ވަނީ ގޮސްފައެވެ. ފަސް ލައްކަ އެރިތާ 24 ގަޑިއިރު ނުވަނީ އެބައްޔަށް މިވަނީ 90000 މީހުން އިތުރުވެފައެވެ.
ދުނިޔޭގައި އެމެރިކާ ފިޔަވައި އެންމެ ބާރަށް މިބަލި ފެތުރެމުން ދަނީ ޔޫރަޕް ބައްރުގައެވެ. އިޓަލީ ވިލާތުގެ އިތުރުން، ސްޕޭން، ޖަރުމަނު ވިލާތް، ފުރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް، ނެދަލެންޑް، ސްވިޑަން، ބެލްޖިއަމް، އޮސްޓްރިއާ، ނޯވޭ، ރޫމޭނިއާ އަދި ޑެންމާކް ފަދަ އެތައް ޔޫރަޕްގެ ޤައުމެއްގައި ހަލުވިކަމާއިއެކު މިބަލި ދަނީ ފެތުރެމުންނެވެ.
އޭގެ އިތުރުން ދުނިޔޭގެ އެކި ބައްރު ތަކުން އީރާން، އޮސްޓްރޭލިއާ، ތުރުކީވިލާތް، ޗިލީ، ސައުތުއެފްރިކާ، އިސްރާއީލް، އިންޑޮނެޝިއާ، ރަސިއާ އަދި އިކުއެޑޯ ފަދަ ޤައުމުތަކަކީ ބަލި ފެތުރުން ހަލުވިވެފައިވާ ޤައުމުތަކެވެ.
2019 ވަނަ އަހަރު ޑިސެމްބަރުމަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 199 ޤައުމަށާއި، ސަރަހައްދަށް މިހާރު ވަނީ ފެތުރިފައެވެ.


ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!