ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް އަންގާރަ ދުވަހު ވަޑައިގަތުމުން، އެ ޤައުމުން 21 ބަޑީގެ ސަލާމަކާ އެކު އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް 21 ބަޑީގެ ސަލާމެއް އަރުވައި މަރުޙަބާ ދަންނަވާފައިވާއިރު، އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ ބުދަ ދުވަހު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު "ޕްރައިމް މިނިސްޓަރ ހައުސް" ގައެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނީ، މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާ ވެސް ރައީސް މުޢިއްޒު ބައްދަލުކުރައްވާނެ ކަމަށާއި، ރައީސް މުޢިއްޒުގެ ޝަރަފުގައި ރައީސް ޒަރުދާރީ ރަސްމީ ޖާފަތެއް ދެއްވާނެ ކަމަށެވެ. މީގެއިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު އެކަހެރި ބައްދަލުވުމަކާއި ދެ ޤައުމުގެ ވަފުދުގެ ފެންވަރުގެ މަޝްވަރާތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު މީގެ ކުރިން އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި 6 އިން 7 އަށެވެ. އެއީ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަޢުވަތަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެކެވެ. ރައީސް މުޢިއްޒު "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.
ރައީސް މުޢިއްޒު ޕާކިސްތާނަށް ވަޑައިގަތުމުގެ ކުރިން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިސްވެ ހުންނަވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ރާއްޖޭގެ ވަފުދު ވަނީ އަންގާރަ ދުވަހުގެ ކުރީކޮޅު އިސްލާމްއާބާދަށް ވަޑައިގެންފައެވެ. އެއާޕޯޓުން މި ވަފުދަށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނާއި، ޑިރެކްޓަރ ޖެނެރަލް (ސައުތު އޭޝިއާ އަދި ސާކް) ގެ އިތުރުން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރާއި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރެވެ.
މި ދަތުރުފުޅުގައި ބޭއްވޭ މަތީ ފަންތީގެ މަޝްވަރާތަކުގައި ދެ ޤައުމުގެ ގުޅުމުގެ ހުރިހާ ދާއިރާއެއް މުރާޖަޢާކޮށް، ވިޔަފާރިއާއި، އިންވެސްޓްމަންޓް، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން، ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކުރެވޭނެއެވެ. ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ ތެރޭގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމު އެއްބަސްވުމާއި، މަދަނީ އުދުހުންތަކާއި އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މީގެއިތުރުން ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފުޅާކުރުމަށް "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ނަމުގައި ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްލަޙަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ދެ ޤައުމުން ޚިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ދިރުވައި ހިންގުމާ ގުޅޭގޮތުންނާއި، އދ. އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ކަންކަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!