އީރާނުގެ އަސްކަރީ ގާބިލުކަމާއި ބާރު މަދުވެގެން 50 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، ނަމަވެސް އެ ގައުމުގެ އެންމެ ޒަމާނީ ހަތިޔާރުތައް އަދިވެސް ސަރަހައްދީ ހަނގުރާމަތަކުގައި ބޭނުންކުރަން ނުފަށާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކޮށްފިއެވެ.
އައިއާރުޖީސީގެ ތަރުޖަމާނު ޖެނެރަލް ޙުސައިން މުޙިއްބީ ވިދާޅުވި ގޮތުގައި، އަސްކަރީ އުފެއްދުންތެރިކަމުގެ އަދަދަށާއި ފެންވަރަށް ބަލާއިރު އެ ގައުމުގެ އަސްކަރީ ބާރު ވަނީ 1.5 ގުނައަށް އިތުރުވެ، އިހަށްވުރެ ވަރުގަދަ މިސައިލާއި ޑްރޯން އަދި އައު ހަތިޔާރުތައް އަސްކަރިއްޔާއާ ގުޅިފައެވެ.
އައިއާރުޖީސީން ހާމަކުރި ގޮތުގައި، ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ޑްރޯން އުފައްދާ މަރުކަޒުތަކުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ އިރު، އެ ތަކެތި އުފައްދާ މިންވަރު ދަނީ އިތުރުކުރަމުންނެވެ. ޖެނެރަލް މުޙިއްބީ ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ސަރަހައްދީ އޮޕަރޭޝަންތަކުގައި އީރާނުން ބޭނުންކޮށްފައި ވަނީ ކުރީގެ ނިޒާމުތަކުގެ ހަތިޔާރުތަކެވެ. އަދި އެންމެ ފަހުގެ ޒަމާނީ އަދި ކުރިއަރާފައިވާ ހަތިޔާރުތައް އަސްކަރިއްޔާގެ ރިޒާވްގައި ބަހައްޓާފައި ވަނީ ހާއްސަ ސްޓްރެޓީޖިކް ހާލަތްތަކުގައި ބޭނުންކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިސައިލާއި ޑްރޯންތައް ދަތުރުކުރާ ރާސްތާއާއި އަމާޒަށް ވާސިލުވުމުގެ ސައްހަކަން އަދި އޭގެ ވޯހެޑްތަކުގެ ފަނާކުރަނިވި ބާރު ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށް އީރާނުން ބުނެއެވެ. މީގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކާއި، އިލެކްޓްރޯނިކް ވޯފެއާ އަދި ސައިބާ ގާބިލުކަން އިތުރުކުރުމަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އަސްކަރީ ލީޑަޝިޕުން ވަނީ ބުނެފައެވެ. މިފަދަ ހާމަކުރުންތަކަކީ އީރާނުގެ ދިފާއީ ބާރު ސަރަހައްދަށް ދައްކުވައިދިނުމަށާއި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަސްކަރީ އުފެއްދުންތެރިކަން ހާމަކުރުމަށް ތެހެރާނުން ދޭ ބަޔާންތަކެކެވެ.
މެދުއިރުމަތީގެ އެންމެ ބޮޑު އަދި އެންމެ ތަފާތު މިސައިލްގެ ބާރުވެރިކަން އޮންނަ އީރާނުގެ ބެލިސްޓިކް މިސައިލް ނިޒާމުގައި ކުރު ރާސްތާގެ ސޮލިޑް ފިއުލް މިސައިލްތަކުން ފެށިގެން ދުރު ރާސްތާގެ މިސައިލްތައް ހިމެނެއެވެ. އޭގެ ތެރޭގައި 300 އާއި 500 ކިލޯމީޓަރާ ދެމެދުގެ ފާތިޙް-110 އަދި ފާތިޙް-313 ހިމެނޭއިރު، 700 އާއި 750 ކިލޯމީޓަރުގެ ޒުލްފިގާރު މިސައިލާއި، 1،450 ކިލޯމީޓަރުގެ ޚައިބަރު ޝިކާން ހިމެނެއެވެ. އަދި މުޅި މެދުއިރުމައްޗަށް ފޯރާ ޝަހާބް-3، ޣަދްރު-110، ޢިމާދު އަދި 1،500 ކިލޯގެ ވޯހެޑެއް އުފުލޭ ޚޮއްރަމްޝަހްރު-4 ގެ އިތުރުން އަޑަށްވުރެ ބާރަށް ދަތުރުކުރާ ފައްތާޙް-1 އަދި ފައްތާޙް-2 ހައިޕަސޮނިކް މިސައިލްތައް ވެސް އީރާނުގެ ބާރުގެ ދަށުގައިވެއެވެ.
ރާޑަރުތަކަށް ފިލައިގެން ތިރިން ދަތުރުކުރާ ކްރޫޒް މިސައިލްތަކުގެ ތެރޭގައި 700 އިން 1،350 ކިލޯމީޓަރަށް ދަތުރުކުރާ ސޫމާރު އަދި ހުވައިޒާގެ އިތުރުން، އެއް ގުރޫޕެއްގެ ގޮތުގައި އަމާޒަށް ހަމަލާދޭ 1،650 ކިލޯމީޓަރުގެ ޕާވޭ މިސައިލާއި ކަނޑުގެ އަމާޒުތަކަށް ހާއްސަ އަބޫ މަހްދީ މިސައިލް ހިމެނެއެވެ. މީގެ އިތުރުން 1،000 އިން 2،500 ކިލޯމީޓަރަށް ދަތުރުކުރާ ޝާހިދު-136 އަދި ޝާހިދު-131 ފަދަ ވަން-ވޭ ކާމިކާޒީ ޑްރޯންތަކާއި، ޖެޓް އިންޖީނު އެޅި ޝާހިދު-238، އަދި ޖާސޫސީ އަދި ހަމަލާދޭ މުހާޖިރު-6، ޝާހިދު-129 އަދި ރާޑަރުތައް ހަލާކުކޮށްލަން ހާއްސަ އަރަޝް-2 ޑްރޯން އީރާނުން އޮޕަރޭޓްކުރެއެވެ.
އަސްކަރީ ގޮތުން ބަލާއިރު، ދިފާއީ ނިޒާމުތައް ފޫއަޅުވާލުމަށްޓަކައި ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި ގިނަ އަދަދެއްގެ ޑްރޯން އެއްފަހަރާ ބޭނުންކުރުމުގެ އުކުޅު އީރާނުން ގެންގުޅެއެވެ. ހަމަލާތަކުން ސަލާމަތްވުމަށްޓަކައި މި ހަތިޔާރުތައް ބަހައްޓާފައި ވަނީ ބިމުގެ އަޑީގައިވާ ސިއްރު "މިސައިލް ސިޓީ" ތަކުގައާއި ދަތުރުފަތުރުކުރެވޭ މޯބައިލް ލޯންޗަރުތަކުގައެވެ. އަދި އީރާނާ ގުޅިފައިވާ ސަރަހައްދީ ބާރުތައް ކަމަށްވާ ޔަމަނުގެ ހޫޘީންނާއި އިރާގާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް މި ޓެކްނޮލޮޖީއާއި ހަތިޔާރުތައް ފޯރުކޮށްދެމުންދާ ކަމަށް އެ މައުލޫމާތުތަކުން އެނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!