މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކުންފުނީގެ އައު މަސްފިހާރައެއް ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓުތަކުގައި ހުޅުވައިފިއެވެ.

މިއީ މުޅި ރާއްޖެއަށް ބަލާއިރު މިފްކޯއިން ހުޅުވި 6 ވަނަ މަސްފިހާރައެވެ.

Ad
rt

ވިނަރެސް 2 ނަންބަރު ޓަވަރުގެ ތިރީބައިގައި ގާއިމުކޮށްފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ ޗެއަރމަން ޢަބްދުﷲ ފާއިޒެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސްއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމްގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ފިހާރައަކީ ހުޅުމާލޭ ފޭސް 2 ގައި މިފްކޯއިން ހުޅުވި ދެވަނަ ފިހާރައެވެ. މީގެ ކުރިން ހުޅުމާލޭގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވާފައިވަނީ ފޭސް 2 ގެ ހިޔާ 2 ވަނަ ޓަވަރުގައާއި، ފޭސް 1 ގެ ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައެވެ.

މީގެ އިތުރުން މާލޭގެ ހިލާލީމަގާއި ނޯތު ހާބަރުގައި ފިހާރަތައް ހިންގަމުންދާއިރު، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ފުރަތަމަ ފިހާރަ މިއަހަރުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައެވެ.

އަލަށް ހުޅުވުނު މި ފިހާރައިން މިފްކޯގެ ހުރިހާ ބާވަތެއްގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. މިދިޔަ މަހުން ފެށިގެން މިފްކޯގެ ފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ފިހާރައިންވެސް ހުކުރު ދުވަހު ޚިދުމަތް ދޭނެއެވެ. ހުކުރު ދުވަސްތަކަށް ޚާއްސަކޮށްގެން ތަފާތު އުފެއްދުންތައް ބާޒާރަށް ނެރެމުންދާއިރު، އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.