ޖޯޑަންގެ އަލް އަޒްރަޤްގައި ހުންނަ މުވައްފަޤު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާތަކެއްގައި އެމެރިކާގެ އަސްކަރީ ޖެޓްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ސީބީއެސް ނިއުސްއިން މައުލޫމާތު ސީދާ އެނގޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާ އީރާނުން ދީފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

Ad
rt

މި ހަމަލާގައި އެމެރިކާގެ "އޭ-10 ތަންޑަރބޯލްޓް" (ވާތްހޮގް) މަރުކާގެ ހަނގުރާމަމަތީ ޖެޓަކަށް ސީދާ ހަމަލާ އަމާޒުވެ، އޭގެ ފިޔަގަނޑެއް ނެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ އިތުރުން "އެފް-15 އެސްޓްރައިކް އީގަލް" މަރުކާގެ ގާތްގަނޑަކަށް އަށް ޖެޓަކަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ސީބީއެސްއިން ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް އެފް-15 މަރުކާގެ ޖެޓްތަކަށް ލިބުނު ގެއްލުންތައް އަވަސް މުއްދަތެއްގެ ތެރޭގައި ވަޒަންކޮށް، މަރާމާތު ކުރުމަށްފަހު އަލުން ވަނީ އޮޕަރޭޝަނަށް ނެރެފައިކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އީރާނުން ދިން މި ހަމަލާތަކުގައި އެމެރިކާގެ ނުވަތަ ޖޯޑަންގެ އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އީރާނުން ފޮނުވާލި މިސައިލްތަކުން ދިފާއުވުމަށްޓަކައި އެމެރިކާއާއި ޖޯޑަންގެ ސިފައިން ވަނީ ދިފާއީ ގިނަ ރޮކެޓްތަކެއް ފޮނުވާލާފައެވެ. އޭގެ ތެރޭގައި 30 އަށްވުރެ ގިނަ ޕެޓްރިއަޓް މިސައިލް ހިމެނޭއިރު، އަންނަމުންދިޔަ އީރާނުގެ ގިނަ މިސައިލްތައް ވަނީ ދިފާއީ ނިޒާމުތަކުން އިންޓަސެޕްޓްކޮށް ހުއްޓުވާފައިކަމަށް ޖޯޑަނުން ބުނެއެވެ.

މި ހަމަލާއަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް އީރާނުން ހަމަލާދޭން އުޅުނު ކަމަށް ބުނެ، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ފަސް ޓޭންކަރަކަށް އެމެރިކާއިން އަންގާރަ ދުވަހު ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާއެކެވެ.

އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ، އެމެރިކާގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަށް ތެޔޮ ޓޭންކަރަކަށާއި، ދެ މަނަވަރަށް އަދި ޖޯޑަންގައި ހުންނަ އެއާ ބޭސްއަށް އަމާޒުކޮށް ހަމަލާތައް ދީފައިވާނެ ކަމަށެވެ.