މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1.7 ކިލޯގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ވޭޕްތަކާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކޮށް ވިއްކައި، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން އެ މީހުން ހައްޔަރުކުރުމަށްފަހު، މާފަންނު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެތި ވަނީ ފެނިފައެވެ. އޭގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ ފުޅިއެއްވެސް އެ ގޭތެރެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޝާވިންއާއި ޢިޝާ އަޝްރަފް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ނާއިލް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.