ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދެން އޮންނަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ 8 ދާއިރާއަކަށެވެ. އެއީ މިލަންދޫ ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގުރައިދޫ ދާއިރާއެވެ. މިއީ މި ސިލްސިލާގެ ދަށުން ބާއްވާ ހަތަރު ވަނަ ބުރެވެ.

Ad
rt

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައިގެން ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސްއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ރައީސްގެ އޮފީހުގެ ވެބްސައިޓުގައިވާ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައްވެސް އެ އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެހެން ވަނީ ހަދާފައެވެ.

މި ސިލްސިލާގެ ދަށުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލެއްވީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ދެވަނަ ބުރުގައި މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ވަނީ ދެއްވާފައެވެ. އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށް ވަނީ ފުރުސަތު ދީފައެވެ.

މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެމަނިކުފާނު ވިދާޅުވީ، "މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ ގާތަށް ވަޑައިގެން، ވަކިވަކި ދާއިރާތަކުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ޝުޢޫރުތައް އައްސަވަން ބޭނުންފުޅުވާ" ކަމަށެވެ.

ސަރުކާރުން ދެކޭގޮތުގައި، މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތައް ހައްލުކުރުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.