ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކާގައި ފަހުމީ ވިދާޅުވީ، ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެނުގެ ޚިދުމަތް ތަރައްޤީކުރުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢު ކަމަށާއި، މި މަޝްރޫޢު ކުރިއަށްގެންދަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާއިރު، ފީސިބިލިޓީ ދިރާސާތަކާއި ފަންނީ އަދި ތިމާވެށްޓާ ގުޅޭ އެސެސްމެންޓްތައް މިހާރު ހަދަމުންއަންނަކަމަށް ފަހުމީ ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް،" ފަހުމީ ވިދާޅުވެފަވެއެވެ.
މީގެއިތުރުން ފަހުމީ ފާހަގަކުރެއްވި ގޮތުގައި، ކަނޑުގެ އަޑީގެ ޕްރެޝަރުގެ ސަބަބުން ހަކަތަ ބޭނުންވާ މިންވަރު މަދުވެ ހަރަދު ކުޑަވެގެންދާނެއެވެ. އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ، މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ނޯވޭގައި މި މަސައްކަތް ކާމިޔާބުކަމާއެކު ހިނގަމުންދާތީ، އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް ތަޖުރިބާ ހޯދުމަށް އެ ޤައުމަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ތިލަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށްފަހު މާލެއާއި ހުޅުމާލެއަށް ފެން ސަޕްލައި ކުރުމަށް ރާވާފައިވާ ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި ބޮޑު މަޝްރޫޢު ފެށުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!