ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މާލީ ގޮތުންނާއި ފަންނީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ސްކީމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

Ad
rt

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ސްކީމްގެ ދަށުން ޚާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމާއި، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.

މި މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ "ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. 2023 ވަނަ އަހަރު ފަށާފައިވާ، 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢަކީ ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ވަރުގަދަކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް 2030 ވަނަ އަހަރާ ހަމައަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ގްރާންޓް ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ޚާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.