އެމެރިކާގެ ގައުމީ ދަރަނި ބުދަ ދުވަހު ރެކޯޑު މިންވަރަކަށް އިތުރުވެ، 40 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.

މިއީ ދިފާއީ ހަރަދުތަކާއި، ސޯޝަލް ސެކިއުރިޓީ އަދި މެޑިކެއާ ފަދަ އިޖުތިމާއީ ޕްރޮގްރާމްތަކުގެ އިތުރުން އިތުރުވަމުންދާ ޑެފިސިޓްގެ އިންޓްރެސްޓް ހަރަދުތައް ބޮޑުތަނުން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވެފައިވާ ތާރީހީ ބޮޑު އަދަދެކެވެ.

Ad
rt

މި އަދަދަށް ދަރަނި އަރާފައި މިވަނީ މިދިޔަ މާޗު މަހު 39 ޓްރިލިއަން ޑޮލަރަށް އެރުމަށްފަހު އެންމެ ފަސް މަސް ދުވަހުގެ ތެރޭގައެވެ. އަދި އޭގެ ފަސް މަސް ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ އަދަދު ހުރީ 38 ޓްރިލިއަން ޑޮލަރުގައެވެ. ދަރަނި މިހާ ބޮޑަށް އިތުރުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިރާނުގައި ހިންގަމުންދާ ހަނގުރާމައަށް ދިފާއީ ހަރަދުތައް އިތުރުކުރުމާއި ތެލާއި ކާބޯތަކެތީގެ އަގު ތިރިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުގެ އަމާޒަކީ އިސްރާފާއި ކޮރަޕްޝަން ނައްތާލައި، އިގްތިސާދީ ދުވެލި ހަލުވިކޮށް ދަރަންޏާއި ޖީޑީޕީގެ ނިސްބަތް ރަނގަޅު މިސްރާބަކަށް ގެންދިއުން ކަމަށެވެ. ނަމަވެސް އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި މިކަމުގެ ސަބަބުން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް މަތިވެ، ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރަސްއެޅި އަދި މުދަލާއި ހިދުމަތްތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ ރައީސް މާގްރެޓް ސްޕެލިންގްސް ވަނީ މިހާރު ދަރަނި އޮތް މިސްރާބަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެމެރިކާގެ ދިރިއުޅުމުގެ އަގު ބޮޑުވެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާކަމަށް ވިދާޅުވެފައެވެ.

"މިހާރު ދަރަނި އޮތް މިސްރާބަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި މިއީ އެމެރިކާގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް އިގްތިސާދީ ކުރިއެރުމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް" އޭނާ ވިދާޅުވެފަވެއެވެ.

މީގެ އިތުރުން އެމެރިކާގެ ދަރަނި 2027 ވަނަ އަހަރުގެ ކުރީކޮޅާއި މެދާ ދެމެދު އެމެރިކާގެ ގާނޫނީ ދަރަނީގެ ލިމިޓް ކަމަށްވާ 41.1 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ދަށު ދަރަޖައިގެ މާލީ ހާލަތެއް މިހާރު އޮތީ އެމެރިކާގައެވެ.