އިސްރާއީލުގެ ފުލުހުން ފަލަސްތީނުގެ ޖެރޫސަލަމް އެފެއާޒް މިނިސްޓަރު އަޝްރަފް އަލް-އައުވަރު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގައި ހުންނަ އޭނާގެ ގެއިން ބުދަ ދުވަހުއެވެ.
މިނިސްޓަރުގެ އޮފީހުގެ އޮފިޝަލަކު ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އިސްރާއީލު ފުލުހުން އޭނާ ހައްޔަރުކުރީ އެއްވެސް ސަބަބެއް ބަޔާންނުކޮށް ކަމަށެވެ. އަދި މިކަމާ ގުޅިގެން އިސްރާއީލުގެ ފުލުހުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ފާއިތުވި އަހަރު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަ މަސް ދުވަހުގެ މުއްދަތަށް އަލް-އައުވަރު ހުޅަނގު އައްސޭރިއަށް އެތެރެވުން މަނާކޮށް، ފަހުން އެ މުއްދަތު އިތުރުކޮށްފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ބުދަ ދުވަހު ދިން ހަމަލާތަކާއި ހިންގި އޮޕަރޭޝަންތަކުގައި ނޫސްވެރިއަކު ހިމެނޭހެން 30 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނިއަން ޕްރިޒަނަރ ސޮސައިޓީން ވަނީ ހާމަކޮށްފައެވެ. މި ހައްޔަރުކުރުންތައް ހިނގާފައިވަނީ ހެބްރޮން، ގަލްގީލިޔާ، ނާބްލުސް، ތުލްކަރަމް އަދި ބެތުލެހެމްގައެވެ.
ޕްރިޒަނަރ ސޮސައިޓީން ފާހަގަކުރި ގޮތުގައި، މި އޮޕަރޭޝަންތަކުގައި ގެތަކަށް ވަދެ ފާސްކުރުމާއި ތަކެއްޗަށް ގެއްލުންދިނުން ފަދަ އަމަލުތައް ހިންގާފައިވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ މިފަދަ އަމަލުތަކަކީ "ހަގީގަތް ފޮރުވައި ފަލަސްތީނުގެ ވާހަކަތައް އޮއްބާލުމަށް" ކުރާ މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ފަލަސްތީނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 9،400 ފަލަސްތީނު މީހުން ބަންދުކޮށްފައި ތިބިއިރު، އޭގެ ތެރޭގައި 94 އަންހެނުންނާއި، 350 އަށް ވުރެ ގިނަ ކުޑަކުދިން އަދި 3،244 އިދާރީ ބަންދުގެ މީހުން ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މި މީހުންނަށް ޖަލުތަކުގައި އަނިޔާކުރުމާއި ބޭސްފަރުވާއިން މަހްރޫމްކުރުން ފަދަ ބޮޑެތި އިހާނެތި އަމަލުތަކާ ކުރިމަތިލާންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!