ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ (ގޭސްޓްރޮއޮޓްރޮލޮޖިސްޓް) ޑރ. މުޙައްމަދު ނަޛީފް ބަލިމީހުން ބައްލަވަން ފައްޓަވައިފިއެވެ.
ކޭއާރުއެޗުން މިއަދު ބުނީ ބަނޑާއި ގޮހޮރުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ ޑރ. މުޙައްމަދު ނަޛީފް މިހާރު ގެންދަވަނީ އެ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަމުން ކަމަށެވެ.
އެހެންވެ، ޑޮކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓު ހެއްދެވުމުގެ ފުރުސަތު މިހާރު ވަނީ އެ ހޮސްޕިޓަލުން ހުޅުވާލާފައެވެ. އެގޮތުން ހަވީރު 4:00 ން ހެނދުނު 06:00 އާއި ދެމެދު އެ ހޮސްޕިޓަލުގެ ނަންބަރު 6528864 އަށް ގުޅުއްވައިގެން އެޕޮއިންޓްމެންޓް ހެއްދެވޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކޭއާރުއެޗަކީ އެންމެ އުތުރުގެ ތިން އަތޮޅާއި އަދި ކައިރި އަތޮޅުތަކުގެ ރައްޔިތުން ޚިދުމަތް ހޯދުމަށްދާ އަތޮޅުތަކުގެ އެންމެ ޑިމާންޑްބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އާންމު ބަލިތަކުގެ އިތުރުން ގިނަ ދާއިރާތަކެއްގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ވެސް ލިބެއެވެ.
އެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނައިރު، މިގޮތުން ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ، ކިޑްނީ ބަލިތަކުގެ މީހުންނަށް ޑައިލަސިސްގެ ޚިދުމަތާއި، ޓެލެމެޑެސިންގެ ޚިދުމަތާއި، އެންޑޯމެޓްރިއޯސިސްގެ ޚިދުމަތާއި، ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން)ގެ ޚިދުމަތާއި، ޕްލާސްޓިކް ސާޖަރީގެ ޚިދުމަތާއި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ޚިދުމަތްތައްފަދަ ގިނަ ޚިދުމަތްތަކެއް ލިބެންހުރެއެވެ.
މީގެ އިތުރުން ހިތުގެ ބަލިތައް ދެނެގަނެ، އެންޖިއޮގްރާމް ހެދުމާއި، ބްލޮކްވެފައިވާ ނާރުތައް ހުޅުވުމަށް ސްޓެންޓް ލެއްވުމާއި، ޕޭސްމޭކަރު ލެއްވުން ފަދަ ހިތުގެ ޚާއްސަ ފަރުވާތައް ދިނުމަށް ޚާއްސަ ކެތްލެބުގެ ޚިދުމަތް އެ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!