ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ވިނަރެސް ޓަވަރުތަކުގެ ތެރެއިން ނުވަ ވަނަ ޓަވަރުގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީ ކޮޕަރ ފޮތިތައް ވަގަށްނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލުކިންގްލާސް / ގދ. ތިނަދޫ، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ހޯދައިގެން މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.

ފުލުހުން ބުނީ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ.

''މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އަރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން އެނގިފައިވޭ'' ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެފަވެއެވެ.