ހދ. އަތޮޅުގެ ތަރައްޤީއާއި ރަށްރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، އެ އަތޮޅުގެ ހުރިހާ ރަށްތަކެއް ތަމްސީލުވާނެ ފަދަ ބޯޑެއް އުފެއްދުމަށް މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލް ރައީސުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އިސްނަންގަވައިގެން މިއަދު ވަނީ ހދ. އަތޮޅުގެ ނުވަ ރަށެއްގެ ރައީސުންނާއި ބައްދަލުކުރަށްވާފައެވެ.

އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި، އަތޮޅުގެ ރަށްތައް ގުޅިގެން މަސައްކަތްކުރުމަށް އެކަށޭނެ ޕްލެޓްފޯމެއް ޤާއިމުކުރުމާއި، އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި ބައްދަލުވުމުގައި މޭޔަރު އާތިފް ވަނީ އަތޮޅުގެ ތަރައްޤީއަށްޓަކައި ހުރިހާ ރަށެއް ގުޅިގެން މަސައްކަތްކުރުމަށް ބޮޑެއް އުފެއްދުމަށް ހުށަހަޅުއްވާފައެވެ. ހދ. އަތޮޅުގެ ހުރިހާ ރަށެއް ތަމްސީލްވާނެ ހެން ބޯޑެއް އުފެއްދުމަށް މޭޔަރު ހުށަހެޅުއްވި މި ހުށަހެޅުމަށް ބައިވެރިވި ހުރިހާ ރައީސުން ވަނީ ތާއީދުކުރައްވާފައިކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ބޯޑުގެ މަޤްޞަދުތައް ކަނޑައަޅައި، މަސައްކަތް ކުރާނެ ގޮތުގެ އުސޫލުތައް މި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކުލަވާލުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރު އާތިފްގެ އިތުރުން ހދ. އަތޮޅުގެ ނުވަ ރަށެއްގެ ކައުންސިލް ރައީސުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުމުންދޫ، ނޮޅިވަރަން، ނޮޅިވަރަންފަރު، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ކުރިނބީ، ނައިވާދޫ އަދި ނެއްލައިދޫ ކައުންސިލްގެ ރައީސުން ހިމެނެއެވެ.

މިއީ ރަށްރަށުގެ ކައުންސިލް ރައީސުން އެކަކު އަނެކަކަށް ތަޢާރަފްވެ، ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.