މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ (27 ޖޫން 2026) ގެ 23:10 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި ބާޖު އަޅާފައި އޮއްވައެވެ.

މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންނެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ، ރޭގަނޑުގެ ވަގުތު ކަމަށްވުމާއެކު، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަތުރުވެރިން މިކަމަށް ބޮޑަށް ސަމާލުވުން މުހިންމެވެ.