ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތު ވެސް މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ މަސްވެރި ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގެ މަސްވެރި ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މަސްވެރިންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ މަސްވެރިންނަށް ވިއްކާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިވަގުތު މ. އަތޮޅާއި ލ. އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ. އެހެންނަމަވެސް ބައެއްފަހަރު މިފްކޯގެ ބޯޓުން ތެޔޮ ލިބޭނެ އިންތިޒާމުތަކާއެކީގައި މި ދެ އަތޮޅުންވެސް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް ތެޔޮ ވިކޭ،" ތެޔޮ ލިބުމުގައި ދަތިތަކެއް ހުރި އަތޮޅުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވެފަވެއެވެ.
އަދި މި ދެ އަތޮޅަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައިވެސް، މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ ވަރަށް މުހިންމު އިރުޝާދެއްކަން ޝިޔާމް ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!