ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި މޮރޮކޯ ގައުމީ ޓީމުގެ ތަރި އަޝްރަފް ހަކީމީގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ފްރާންސްގެ އިސްތިއުނާފީ ކޯޓަކުން ހުކުރު ދުވަހު ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު ކަނާތްފަރާތު ބެކުންގެ ތެރޭގައި ހިމެނޭ ހަކީމީގެ މައްޗަށް މި ތުހުމަތު ކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއީ އުމުރުން 24 އަހަރުގެ އަންހެނަކު، ޕެރިހުގެ ސަބާބެއްގައި ހުންނަ ހަކީމީގެ ގޭގައި އޭނާ ރޭޕްކުރި ކަމަށް ބުނެ މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. ހަކީމީ ވަނީ ފެށުނީއްސުރެ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ވާސައިލްސްގެ އިސްތިއުނާފީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގުތަކުން ލިބިފައިވާ ހެކިތަކަށް ބަލާއިރު ހަކީމީގެ މައްޗަށް ޝަރީއަތް ހިންގުމަށް ފުދޭވަރުގެ ހެކި ހުރި ކަމަށް ކޯޓަށް ގަބޫލުކުރެވޭ ކަމަށެވެ. މި ނިންމުން އައިސްފައިވަނީ މޮރޮކޯއިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ.
މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ރޭޗަލް-ފްލޯ ޕާޑޯ ވިދާޅުވީ، ތިން އަހަރަށްވުރެ ގިނަ ދުވަސްވީ ގާނޫނީ މަރުހަލާތަކަށްފަހު ކޯޓުގެ މި ނިންމުމަކީ އޭނާގެ މުވައްކިލަށް ލިބުނު އުންމީދެއް ކަމަށެވެ.
"މި ޝަރީއަތުގެ ސަބަބުން އެހެން އަންހެނުންނަށް އެހީތެރިކަން ލިބި، ފިރިހެން ފުޓްބޯޅައިގެ ތެރޭގައި ޖިންސީ އަނިޔާއާ ގުޅިގެން އޮންނަ ނުފޫޒާއި އިންކާރުކުރުމުގެ ފާރުތައް ބަލިކަށިވެގެންދާނެ ކަމަށް އުންމީދު ކުރަން،" ޕާޑޯ ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން ހަކީމީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއަކީ މަޝްހޫރު މީހަކަށް ނުވިނަމަ މި މައްސަލަ މާކުރިން ބޭރުކޮށްލީސް ކަމަށެވެ.
"އަހަރެން މި ޝަރީއަތަށް އިންތިޒާރު ކުރާތާ ފުރަތަމަ ދުވަހުން ފެށިގެން މިހާރު މި ހުރީ ކެތްމަދުވެފައި. އެންމެ ފަހުން އަހަންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭނެ،" ހަކީމީ ލިޔެފައިވެއެވެ. އޭނާ އިތުރަށް ބުނީ މި މައްސަލައިގެ ސަބަބުން އޭނާގެ އާއިލާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ހަކީމީގެ ވަކީލު ފެނީ ކޮލިން ވިދާޅުވީ، ތަހުގީގުގައި ހަކީމީ ކުށްވެރިނުވާ ކަމުގެ ގިނަ ހެކިތަކެއް ފެންނަން ހުރި ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. މި މައްސަލައިގެ ޝަރީއަތް ފަށާނެ ތާރީޚެއް ކޯޓުން އަދި އިއުލާނެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!