ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރުން މަނާކުރާ އައު ގަރާރެއް އެގައުމުގެ ސަރުކާރުން ފާސްކޮށްފިއެވެ.
ޖޫން 18 ގައި ފާސްކުރި މި ގަރާރުގެ ދަށުން، 15 އަހަރުން ދަށުގެ ކުދިންނަށް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް ހެދުމާއި، އެކައުންޓްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
ޔޫއޭއީގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަނާކުރުމުގެ ދަށުން އެ އުމުރުފުރާގެ ކުދިންނަށް ސޯޝަލް މީޑިއާގައި އެއްޗެހި ޕޯސްޓްކުރުމާއި، ކޮމެންޓްކުރުމާއި، އެއްޗެހި ހިއްސާކުރުމުގެ އިތުރުން ޕަބްލިކް ގްރޫޕްތަކުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަދި ބެލެނިވެރިންގެ ހުއްދަ އޮތް ނަމަވެސް، މި ގަވާއިދުން އެއްވެސް އިސްތިސްނާއެއް ނުލިބޭނެ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ ދިން ނަމަވެސް، އެކަން ކުރެވޭނީ ހަރުކަށި ރެގިއުލޭޓަރީ ފިޔަވަޅުތަކަކާއެކުގައެވެ. މީގެ ތެރޭގައި އުމުރާ ގުޅޭ ކޮންޓެންޓް ވަކިކުރުމާއި، ނުރައްކާތެރި ފީޗާތައް ބަންދުކުރުމާއި، ބޭނުންކުރާ ވަގުތު ކަނޑައެޅުމުގެ އިތުރުން ބެލެނިވެރިންނަށް ކޮންޓްރޯލް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
މިހާރު އަމަލުކުރަމުންދާ އަމިއްލައަށް އުމުރު ބުނެދޭ ނިޒާމުގެ ބަދަލުގައި، ދެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޖެހޭނީ އުމުރު ކަށަވަރުކުރާނެ ވަރުގަދަ ނިޒާމެއް ގާއިމުކުރާށެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބަޔޯމެޓްރިކް ވަސީލަތްތަކުން އުމުރު ކަށަވަރުކުރުން ހިމެނެއެވެ. މި ބަދަލުތައް ގެނައުމަށް ސޯޝަލް މީޑިއާ ކުންފުނިތަކަށް 12 މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ޔޫއޭއީގެ ކުޑަކުދިން ދުވާލަކު އެވްރެޖްކޮށް 3 ގަޑިއިރު ސޯޝަލް މީޑިއާގައި ހޭދަކުރެއެވެ. މީގެ ސަބަބުން ކުދިންގެ ކިބައިގައި ހާސްކަމާއި، ސަމާލުކަން ދިނުމަށް ދަތިވުމާއި، ކިޔެވުމަށް ހުރަސްއެޅުމުގެ އިތުރުން ވާހަކަދެއްކުން ލަސްވުން ފަދަ މައްސަލަތައް ކުރިމަތިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ޔޫއޭއީގެ މި ނިންމުމަކީ އޮސްޓްރޭލިއާ، މެލޭޝިއާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ކުޑަކުދިން ސޯޝަލް މީޑިއާއިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ސޯޝަލް މީޑިއާގެ ލައިކްސް އަދި ކޮމެންޓްތަކުގެ ސަބަބުން ސިކުނޑީގައި ޑޯޕަމިން އުފައްދައި، އެއަށް ދެވިހިފާ ގޮތް މެދުވެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!