ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ދެވަނަ މެޗު ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ މިރޭ ކާމިޔާބުކޮށްފިއެވެ.
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދިއްދޫ ކާމިޔާބުކުރީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށްގެންނެވެ.
މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު ދިއްދޫގެ ލަނޑު ފެނިގެން ދިޔައީ ދެވަަނަ ހާފުގައެވެ. އެއީ ދިއްދޫގެ ޖޯޒީ ނަންބަރު 11 ހުސެއިން ސިފާހު (ސިފައްޓީ) ޕެނަލްޓީ އޭރިއާގެ ތެރެއިން ނަގައިދިން ބޯޅައެއް އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 25 ޔޫސުފް އަފުލް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން މެޗުގެ 68 ވަނަ މިނިޓްގައި ޖަހައިދިން ލަނޑެކެވެ.
ގައްދޫ އާއި ދެކޮޅަށް ނުކުތް ދިއްދޫގެ ފުރަތަމަ 11، ފޮޓޯ: އެފްއޭއެމް
އެ ލަނޑުގެ ފަހުން ވެސް ދިއްދޫ އަށް ވަނީ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފައެވެ. ގައްދޫ އިން ނަތީޖާ ހަމަކުރެވޭތޯ ގިނަ މަސައްކަތްތަކެއްކޮށްފައިވާއިރު ދިއްދޫގެ ލަނޑަށްފަހު ގައްދޫއިން އުފެއްދި ހަމަލާތައް ނާކާމިޔާބުކޮށްލުމުގެ ދިއްދޫގެ ގޯލް ކީޕަރ ޝާހިދު މޮޅު ސޭވްތަކާއި ޑިފެންޑަރުންގެ ކުޅަދާނަ ދިފާއު ވަނީ ފެނިގެންގޮސްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިއްދޫ އަށް ލަނޑުޖަހައިދިން ގާނާގެ ޔޫސުފް އަފުލް އެވެ.

މި ނަތީޖާއާއެކު ދިއްދޫ ވަނީ ތިން ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބިފައެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ ހަވީރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުފައިވުމުން އެ ދެޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފައެވެ.
ދިއްދޫގެ ދެވަނަ މެޗު ކުޅޭނީ ޖޫން 13 ވަނަ ދުވަހު މި ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ދިއްދޫގެ ތިން ވަނަ މެޗު އޮންނާނީ ޖޫން 16 ގައެވެ. އެ މެޗުގައި ދިއްދޫ ނުކުންނާނީ ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރައާއި ދެކޮޅަށެވެ.
ދިވެހި ލީގު ކޮލިފައިންގައި ދިއްދޫ އާއި ގައްދޫ ކުޅެނީ، ފޮޓޯ: އެފްއޭއެމް
20 ޖޫންގައި ދިއްދޫ ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއެވެ. އަދި ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިއްދޫއަކީ އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅުނު ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަން ޓީމެވެ. ދިއްދޫ އިން ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ ކޮލިފައިންގެ ޒޯން 1ގެ ރަނަރަޕްގެ މަގާމު ހޯދާފައިވާއިރު އެ ޓީމު ވަނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ދިއްދޫ ނޯތު ރީޖަނަލްގެ ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!