ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނާއި އަލަށް މުބާރާތުގައި ބައިވެރިވާ ކިއުރަސާއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ތަފާތު ދެ މިސާލެކެވެ.
އަންނަ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާނީ ގްރޫޕް އީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އައިވަރީ ކޯސްޓާއި އިކުއެޑޯއެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ޖެހިޖެހިގެން ދެ މުބާރާތުގައި ގްރޫޕް ސްޓޭޖުން ކަޓާފައިވާތީ، މިފަހަރު ފުރަތަމަ ބުރުން ކެޓިއަނުދިނުމަށް ޖަރުމަނަށް ބޮޑު ޕްރެޝަރެއް އޮންނާނެއެވެ.
ޖަރުމަނު
ކޯޗު ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ޓީމުން ކުރާ ހުރިހާ ކަމެއްގެ މަރުކަޒަކީ ލިވަޕޫލްގެ ޕްލޭމޭކަރ ފްލޯރިއަން ވިއާޓްޒް އެވެ. އިސްކޮޅުގައި 6 ފޫޓު 6 އިންޗި (1.98 މީޓަރު) ހުންނަ ފޯވާޑް ނިކް ވޮލްޓެމޭޑް އަކީ ޑިފެންޑަރުންނަށް ހިފަހައްޓަން އުނދަގޫ ކުޅުންތެރިއެކެވެ. ހަމައެއާއެކު، 18 އަހަރުގެ މިޑްފީލްޑަރު ލެނާޓް ކާލް ވެގެންދާނީ މި މުބާރާތުގައި އަލަށް ވިދާލާނެ ތަރިއަކަށެވެ.
އެހެންނަމަވެސް، މާރިޗު މަހު ސްވިޒަލޭންޑް އަތުން 4-3 އިން މޮޅުވި އެކުވެރިކަމުގެ މެޗުގައި ތިން ގޯލު ވަނުމުން، ޖަރުމަނުގެ ޑިފެންސްގެ ވަރުގަދަކަމާ މެދު ސުވާލު އުފެދި، ރެއާލް މެޑްރިޑްގެ ސެންޓަރ ބެކް އެންޓޯނިއޯ ރޫޑިގަރ ބެންޗުގައި ބޭންދުމަށް ނާގަލްސްމަން ނިންމާ ނިންމުމަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިދިޔަ އަހަރު ފްރާންސާއި ޕޯޗުގަލް އަތުން ބަލިވި ފަހުން ޖަރުމަނުން ވަރުގަދަ ޓީމަކާ ބައްދަލުކޮށްފައެއް ނުވެއެވެ. އަދި މެނުއަލް ނޯޔާގެ ފަހުން އިތުބާރު ހިފޭ ގޯލްކީޕަރެއްވެސް އަދި ފެންނާކަށް ނެތެވެ.
ޑިފެންޑަރު ނަތަނިއަލް ބްރައުންގެ ސަބަބުން އެމެރިކާއާ ގުޅުމެއް އުފެދެއެވެ. އޭނާއަށް އެމެރިކާ ޓީމަށް ކުޅުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ އިޚްތިޔާރުކުރީ އޭނާ އުފަންވި ގައުމު ކަމަށްވާ ޖަރުމަނެވެ.
ކިއުރަސާއޯ
ގާތްގަނޑަކަށް 156,000 މީހުންގެ އާބާދީއެއް އޮންނަ ކިއުރަސާއޯ އަކީ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމެވެ. ފުރަތަމަ މެޗުގައި ވަރުގަދަ ޖަރުމަނާ ބައްދަލުކުރަން ޖެހުމަކީ އެ ގައުމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.
އެ ގައުމުގެ ތައްޔާރީތައް ރޭވުމާ އެއްގޮތަށް ކުރިއަކަށް ނުދިޔައެވެ. އެއީ ތަޖުރިބާކާރު ޑަޗް ކޯޗު ޑިކް އެޑްވޮކާޓް، އޭނާގެ ދަރިފުޅުގެ ސިއްހީ މައްސަލަތަކާ ހުރެ ފެބްރުއަރީ މަހު އިސްތިއުފާ ދިނުމުންނެވެ. އޭނާގެ ބަދަލުގައި އައްޔަންކުރީ ނެދަލޭންޑްސްގެ އެފްސީ ޓްވެންޓޭ، ޕީއެސްވީ އަދި ފޭނޫޑްގެ އިތުރުން ޖަރުމަނުގެ 'ޝާލްކޭ 04' އަށް ކުރިން ކޯޗުކޮށްދިން ފްރެޑް ރޫޓެން އެވެ.
ޒަމާންތަކެއް ވަންދެން ނެދަލޭންޑްސްގެ އިސްތިއުމާރުގެ ދަށުގައި އޮތް ކެރީބިއަން ޖަޒީރާ ގައުމެއް ކަމަށްވާ ކިއުރަސާއޯ ބޮޑަށް ބަރޯސާވަނީ ނެދަލޭންޑްސްއަށް އުފަންވެ، އެ ގައުމުގައި ބޮޑުވި ކުޅުންތެރިންގެ މައްޗަށެވެ.
އައިވަރީ ކޯސްޓް
އައިވަރީ ކޯސްޓް ވޯލްޑް ކަޕަށް މި އެނބުރި އައީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑުން ކަމަށްވާ ޑިޑިއޭ ޑްރޮގްބާ އާއި ޔާޔާ ޓޫރޭ ކުޅުން ހުއްޓާލި ފަހުންނެވެ.
އެ ގައުމުގެ ރަން ޖީލުގެ ކުޅުންތެރިންނާ ނުލައި އައިވަރީ ކޯސްޓުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އުނދަގޫތަކެއް ތަހައްމަލުކޮށްފައެވެ.
ނަމަވެސް މިހާރު އާ ޖީލެއް ވަނީ އުފެދިފައެވެ. އެ ޓީމުން ވަނީ 2024 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ކޮލިފައިން ގްރޫޕްގެ އެއްވަނަ ހޯދައިގެން ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށްފައެވެ.
އައިވަރީ ކޯސްޓުން މީގެ ކުރިން ތިން ފަހަރު ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، ދުވަހަކުވެސް ގްރޫޕް ސްޓޭޖުން ކުރިއަށް ގޮސްފައެއް ނުވެއެވެ.
ކޯޗު އެމާސް ފައޭ އައްޔަންކުރީ 2024 ވަނަ އަހަރުގެ އެފްކޮން މުބާރާތުގެ މެދުތެރެއިންނެވެ. އޭނާ ވަނީ އެ ގައުމަށް މުބާރާތުގެ ތަށި ހޯދައިދީފައެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް އަމާދު ޑިއާލޯ އަކީ މި އާ ޖީލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއެވެ.
އިކުއެޑޯ
މޮއިސެސް ކައިސެޑޯ އަކީ 2023 ވަނަ އަހަރު 146 މިލިއަން ޑޮލަރަށް ބްރައިޓަން އިން ޗެލްސީއާ ގުޅުމާއެކު، އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.
ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އަދި އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ގްރޫޕް ސްޓޭޖުން ކުރިއަށް ދިއުމަށް އިކުއެޑޯއިން ކުރާ އުންމީދުގައި މި މިޑްފީލްޑަރުގެ ދައުރު ވަރަށް ބޮޑުވާނެއެވެ.މި ޓީމު ކޮލިފައިވީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ފަހަތުން ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުންތެރިއަކަށް ޕާސްޕޯޓް ހޯދުމަށް ސައްހަ ނޫން ލިޔުމެއް ބޭނުންކުރުމާ ގުޅިގެން، ތިން ޕޮއިންޓް އުނިކޮށްގެން ކޮލިފައިން ފެށި ނަމަވެސްމެއެވެ.
ކޮލިފައިންގައި އިކުއެޑޯއިން ޖެހި 14 ގޯލުގެ ތެރެއިން ހަ ގޯލު ކާމިޔާބުކޮށްދީ، އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ ފޯވާޑް އެނަރ ވެލެންސިއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!