އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) ގެ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
މި ކޮމްޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން އަތްގަދަކޮށްފައިވާ ތަނެކެވެ.
އިސްރާއީލްގެ އަމަލު ކުށްވެރިކުރަށްވައި ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަންރުވާ އަކީ އދ. ގެ މުހިންމު ގުނަވަނެއް ކަމަށާއި، ޝައިޚް ޖައްރާގައި ހުންނަ އެ އެޖެންސީގެ ކޮމްޕައުންޑަކީ އަދިވެސް އދ. ގެ އިމާރާތެއް ކަމަށެވެ.
އިސްރާއީލުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކަކީ އދ. ގެ އިމާރާތްތަކަށް ލިބިގެންވާ ރައްކާތެރިކަމާއި ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އދ. އިން ސިފަކުރެއެވެ.
މީގެ އިތުރުން، މިއީ އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ އިސްތިއުމާރު ކުރެވިފައިވާ ބިންތަކުގައި އަންރުވާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އދ. ގެ އާންމު މަޖިލީހުން ދީފައިވާ މެންޑޭޓަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އަންރުވާއާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުން (އައި.ސީ.ޖޭ) ކަނޑައަޅާފައިވާ ފަދައިން، އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާ މިފަދަ އަމަލުތަކަކީ ގާނޫނާ ހިލާފު އަމަލުތަކެކެވެ. އިސްތިއުމާރު ކުރެވިފައިވާ ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގު ލިބިގެން ނުވާކަމަށާއި، ވީ އެންމެ އަވަހަކަށް އެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ވަނީ ގޮވާލާފައެވެ.
ސެކްރެޓަރީ ޖެނެރަލް ވަނީ އިސްރާއީލު ސަރުކާރުން ނިންމާފައިވާ މި ނިންމުން ބާތިލުކޮށް، ޝައިޚް ޖައްރާގައި ހުންނަ އަންރުވާގެ ކޮމްޕައުންޑް ވަގުތުން އދ. އާ ހަވާލުކުރުމަށް އިސްރާއީލަށް ބާރުއަޅުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!