ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގުގެ މެޗުތައް މިއަދު ފަށާނެއެވެ.

‘’ބީއެމްއެލް ނޯތު ރީޖަން 2026’’ ގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ޒޯން 1 ގެ ޗެމްޕިއަން ހދ. ހަނިމާދޫ އާއި ޒޯން 2 ގެ ޗެމްޕިއަން ނ. މަނަދޫ އެވެ:

Ad
rt

ހަނިމާދޫގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.

ނޯތު ރީޖަން ލީގު ކޮލިފައިންގެ ޒޯން 1 ގެ ފައިނަލްގައި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ 3-3 އިން އެއްވަރު ވުމުން ޕެނަލްޓީގައި ކުރި ހޯދައި 6-8 ލަނޑުގެ ތަފާތަކުން ހަނިމާދޫ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ރީޖަންގެ ޒޯން 2 ގެ ފައިނަލްގައި 6-5 އިން ބ. އޭދަފުށީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ނ. މަނަދޫ އެވެ. ނޯތު ރީޖަން ލީގުގައި ކުޅޭނީ މި ހަތަރު ޓީމެވެ.

ނޯތު ލީގުގެ މެޗުތައް

  • 2 މެއި: ހަނިމާދޫ - މަނަދޫ
  • 3 މެއި: ދިއްދޫ - އޭދަފުށި
  • 5 މެއި: ދިއްދޫ - ހަނިމާދޫ
  • 6 މެއި: އޭދަފުށި - މަނަދޫ
  • 9 މެއި: ހަނިމާދޫ - އޭދަފުށި
  • 10 މެއި: މަނަދޫ - ދިއްދޫ
  • 13 މެއި: އޭދަފުށި - ހަނިމާދޫ
  • 14 މެއި: ދިއްދޫ - މަނަދޫ
  • 16 މެއި: ހަނިމާދޫ - ދިއްދޫ
  • 17 މެއި: މަނަދޫ - އޭދަފުށި
  • 20 މެއި: އޭދަފުށި - ދިއްދޫ
  • 21 މެއި: މަނަދޫ - ހަނިމާދޫ

މި މުބާރާތް ރާވާފައި ވަނީ ކޮންމެ ޒޯނެއްގެ ފައިނަލަށް ދާ ދެ ޓީމެއް ރީޖަން ލީގަށް ކޮލިފައިވާ ގޮތަށެވެ.

ނޯތު ލީގާއި ސެންޓްރަލް އަދި ސައުތު ރީޖަން މިއިން ކޮންމެ ލީގެއް ވެސް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

މާލޭ ލީގު ދެވަނަ ޑިވިޝަނާއި، ނޯތު، ސެންޓްރަލް، ސައުތު ރީޖަންގެ ޗެމްޕިއަނުންނަށް ޕްރިމިއާ ލީގު ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. މި ހަތަރު ޓީމުގެ އިތުރުން، މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އާއި އަށްވަނައަށް ދިޔަ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއެކު، ޕްރިމިއާ ލީގު ޕްލޭއޮފްގައި ޖުމްލަ ހަ ޓީމު ވާދަ ކުރާނެ އެވެ. އަދި ޕްލޭއޮފްގެ އެންމެ ރަނގަޅު ހަތަރު ޓީމު، އަންނަ ސީޒަންގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ.