މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ނަސޭހަތުގެ ބަސްކޮޅަކުން ފަށާނަމެވެ.
ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެއިޚް އިބްރާހިމް ރަޝީދު އޭނާ ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްގައި ބުނެފައިވަނީ " ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން " ކަމަށެވެ.
" ލަހުން ހޭލެވުނަސް، ގަޑި ޖެހުނަސް، ދާތަނަކަށް ދާން ވާނީ ނަމާދުކޮށްގެން "
ތެދެކެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ނަމާދަށް ފަރުވާ ކުޑަކޮށް، ނަމާދު އަޅާފައި ކުރާ މަސައްކަތެއްގައި އެއްވެސް ބަރަކާތެއް ނެތެވެ.
ތިމާ ރަނގަޅު ނަތީޖާ ހާސިލް ކުރަން އެދޭނަމަ، ހިތްހަމަ ޖެހުމާއި ފިކުރުތަކުން ދުރުވެ މަސައްކަތުގަޑި ހިތްހަމަ ޖެހިގެން ފުރާލަން އެދޭނަމަވެސް ނަމާދަށް ފަރުވާތެރިވުމަކީ އެންމެ އިސްކަންދޭންވީ ކަންތަކެވެ.
ފަތިސްނަމާދަށް ހޭނުލެވިއްޖެނަމަ ނުވަތަ ނިދުމުގެ ސަބަބުން އެހެން ނަމާދެއްގެވެސް ވަގުތު ފާއިތު ވެއްޖެނަމަ އެންމެ އަވަހަށް ކުރާން ޖެހޭނެ ކަމަކީ، ފާއިތުވި ނަމާދު ކުރުމެވެ.
ތިބާ އޮފީހަށް ނުވަތަ ދާން އޮތްތާކަށް ދިއުމަށް ގަޑި ޖެހޭނަމަ ނަމާދު ފަސްކޮށްލާނީއޭ ހިތާ ދޫކޮށްލައިފިނަމަ އެނަމާދު ވަގުތުގައި ކުރުން އޮންނަނީ ބުރަކަމަށް ވެފައެވެ. އިބިލީހުގެ ވަސްވާހުގެ ސަބަބުން މަސައްކަތް ނިމިގެން ނަމާދު ފަސްކޮށްގެން ހުއްޓައި ނަމާދު އެޅެނީއެވެ!
ނަމާދަކީ ދީނުގެ ދެވަނަ ރުކުނަށްވީއިރު ނަމާދު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމާއިވެސް އެކު ސެއިޚްގެ ނަސޭހަތުގައިވާ ފަދައިން އެންމެ އިސްކުރާންވީ ނަމާދެވެ.
ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭނަމަ ނަމާދު ވަގުތުގައި ކުރާށެވެ! ނަމާދު ޖަމާއަތުގައި ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! ނަމާދަކީ " ފްރީ ވެގެން " ކުރަން އޮންނަ އަޅުކަމަކަށް ހެދުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫނެވެ! އެންމެ ފުރަތަމަ ނަމާދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!