ކޮވިޑް- 19 (ނޮވެލް ކޮރޯނާވައިރަސް) އާއި ދެކޮޅަށް ދުނިޔޭގައި އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރުމަށް ތައްޔާރުވެއްޖެއެވެ.
ވޯލް ސްޓްރީޓް ޖާރނަލްގައި ބުނެފައިވަނީ މިވެކްސިން އުފައްދާފައިވަނީ ބެތެސްޑާގައި ހުންނަ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާރޖީ އެންޑް އިންފެކްޝަންސް އިންނެވެ. އަދި އެ އިންސްޓިޓިއުޓުން މި ވެކްސިން މިހާރުވަނީ އެމެރިކާގެ ސަރުކާރާއި ހަވާލުކޮށްފަ އެވެ.
ކޮރޯނާވައިރަސް ވެކްސިނުން އިންސާނުން ޓެސްޓުކުރަން ތައްޔާރުވަމުންދިޔަ ނަމަވެސް، މީގެ ފުލް ވެކްސިން ތައްޔާރުވާނޭ ކަމަށް ބެލެވެނީ މިއަހަރުގެ ޖުލައި ހިސާބުގަ އެވެ. އާއްމުގޮތެއްގައި ވެކްސިން ތައްޔާރުވާ މުއްދަތާއި އަޅާބަލާއިރު ކޮރޯނާވައިރަސްގެ ވެކްސިން ތައްޔާރުކުރުމުގެ ސްޕީޑް މާބޮޑަށްވެސް އަވަސްކަމުގައި ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ކޮރޯނާވައިރަސް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަވެފައިވީ ކަމުގައި ވީނަމަވެސް އެ ވެކްސިން އިންސާނުންނަށް ދިނުމުގެ ކުރިން އަދި އެތަކެއް ގިނަ ތަހްލީލްތަކެއް ދިރާސާކުރާ ފަރާތްތަކުން ކުރާނެއެވެ.
އޭގެއިތުރުން ވެކްސިންގެ އަސަރު ހަށިގަނޑަށް ކުރިނަމަވެސް އަދި އެ ވެކްސިން ހަށިގަނޑުގައި ދެމި ހުންނަ ވަގުތުވެސް ދެނެގަންނަޖެހޭނެ އެވެ.
މީގެއިތުރުން ވެކްސިންގެ ސަބަބުން ކުރިމަތިވެދާނެ ސައިޑް އިފެކްޓްސްތައް ދެނެގަނެ، އާއްމުގޮތެއްގައި މީހުން ބޭނުންކުރާ ބޭހުގެ ސަބަބުން ވެކްސިންޖަހާފައިވާ މީހެއްގެ ހަށިގަނޑަށް އަންނަ ބަދަލުތައްވެސް ދެނެގަންނާނެ އެވެ.
އެނގިފައިވާގޮތުގައި އެމެރިކާ ސަރުކާރާއި ހަވާލުކުރި ކޮވިޑް- 19 ދެކޮޅަށް ދުނިޔޭގައި އުފެއްދި ވެކްސިންގައި ހިމެނެނީ ޖުމްލަ ދެ ޑޯޒެވެ. މި ދެ ޑޯޒަކީ ކޮވިޑް- 19 އިން ދިފާއު ކޮށްދިނުމަށްޓަކައި ބޮޑު މީހަކަށް ދިނުމަށް ތައްޔާރުކޮށްފައިވާ ޓްވިން-ޑޯޒެކެވެ.
ދުޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވަނީ ކޮވިޑް-19 ސިއްހީ ކުއްލި ހާލަތުގެ ލެވެލް އެންމެ މަތިކޮށްފައިއެވެ. އަދި ކޮވިޑް-19 ގެ ނުރައްކާބޮޑުވެ މިނިސްޓަރުންނާއި ޑިޕްލޮމޭޓުން ދަތުރުތައް މަޑުޖައްސާލަން އދ އިން ވަނީ ގޮވާލައިފައެވެ.
އެވައިރަސްގެ ސަބަބުން މިހާތަނަށް 2933 މަރުވެފައިވާއިރު، 85721 އަށްވުރެ ގިނަ މީހުންނަށް އެވައިރަސްވަނީ ޖެހިފައެވެ. އޭގެ ތެރެއިން 7818 މީހުންތިބީ ސީރިއަސް ހާލަތެއްގައިއެވެ. އެވައިރަސް ޖެހުނު މީހުން ތެރެއިން 39797 މީހުން ރަނގަޅުވެފައިވާކަމަށް ރެކޯޑްތައް ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!